މިޞްރުގެ އައްސޭރިފަށުގެ ސިޓީއެއްކަމުގައިވާ އިސްކަންދަރިއްޔާގައި ދުއްވާފައިދިޔަ ދެ ރޭލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ނުރައްކާތެރި އެކްސިޑެންޓުގައި 36 މީހުންގެ ފުރާނަ ގެއްލި، އިތުރު ގިނަ އަދަދެއްގެ ބަޔަކަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ.

އެޤައުމުގެ ދަޢުލަތުގެ ޚަބަރު ފަތުރާ ވަސީލަތުން ބުނާގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ޓީވީތަކުން އާއްމުކޮށްފައިވާ ވީޑިޔޯތަކުން ފެންނަގޮތުގައި އެކްސިޑެންޓްވި ދެ ރޭލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި، ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ޒަޚަމްވެފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ ހަށިތައް އެމްބިއުލާންސްތަކަށް ގެންދާ މަންޒަރުވެސް ފެނެއެވެ.

މިޞްރުގެ އާއްމުންދަނީ އެޤައުމުގެ މަގުތަކާއި ރޭލު ދަގަނޑުތަކުގެ ސަލާމަތީ ކަންކަމުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ކުރަމުންނެވެ. އަދި، އެޤައުމުގެ ސަރުކާރުން އެކަންކަން ކުރުމަށް ނުކުޅެދިފައިވާކަމަށްވެސް އެފަރާތްތަކުންދަނީ ބުނަމުންނެވެ.

ADS BY SHEESHA

2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިޞްރުގެ ވެރިރަށް ޤާހިރާގައި ދުއްވާފައިދިޔަ ރޭލެއްވަނީ ކޮންކްރީޓު ގަނޑަކަށް އަރާފައެވެ. އެޙާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވިއިރު، 2015 ވަނަ އަހަރުގެ ތެރޭގައި ރޭލަކާއި ސްކޫލު ބަހެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތް މީހަކު މަރުވެފައިވެއެވެ. (އަލް ޖަޒީރާ)

ADS BY ASTERS

Comments are closed.