ކެންޔާގެ ރިޔާސީ އިންތިޚާބު އެ ގައުމުގެ މިހާރުގެ ރައީސް އުހުރޫ ކެންޔައްތާ ކާމިޔާބުކުރައްވައިފި ކަމަށް އެ ގައުމުގެ ނެސަނަލް އިލެކްޓުރޯރަލް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޙާބު ބާއްވާފައިވަނީ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. ކެންޔާގައި ވޯޓް ނަގާފައިވަނީ އީ ވޯޓިން ސިސްޓަމް ބޭނުންކޮށްގެންނެވެ. ރައީސް އުހުރޫ ކެންޔައްތާ މި އިންތިޙާބު ކާމިޔާބު ކޮށްފައިވަނީ 54.3 ޕަސަންޓުގެ ވޯޓުންނެވެ. މި އިންތިޙާބުގައި އެމަނިކުފާނާ ދެކޮޅަށް ވާދަ ކުރެއްވީ ޒަމާންވީ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާއެވެ. އޭނާއަށް ލިބިފައިވަނީ 44.7 ޕަސަންޓުގެ ވޯޓެކެވެ.

ކެންޔާގެ ރިޔާސީ އިންތިހާބުގެ ވޯޓް ހެކްކޮށް އެގައުމުގެ މިހާރުގެ ސަރުކާރުން އޮޅުވާލާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެގައުމުގެ މަގުތަކަށް އެތައް ބަޔަކު ނިކުމެ ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިންގަމުންނެވެ. ވެރިރަށް ނައިރޯބީއާއި ބޮޑެތި އެހެން ސިޓީތަކުގައި ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް ފަސް މީހަކު މަރުވެފައިވާއިރު އެތައް ސަތޭކަ ބަޔަކަށްވަނީ އަނިޔާ ވެފައެވެ. މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހަކީ ސަލާމަތީ ބާރުތަކުން ބަޑި ޖެހުމުން މަރުވި ދެ މީހުންނެވެ.

އިދިކޮޅު ފަރާތްތަކުންވަނީ މި އިންތިހާބުގެ ނަތީޖާ ފާޅުކުރުމުގެ ކުރިން މި އިންތިޙާބުގެ ނަތީޖާތައް ބަލައި ނުގަންނާނެކަމަށް ބުނެފައެވެ. އަދި އެ ޤައުމުގެ ސަރުކާރުން އިންތިޙާބު ބާއްވަނީ ހަމައެކަނި ދެއްކުންތެރިކަމުގެ ގޮތުން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ADS BY SHEESHA

އެހެންނަމަވެސް ރައީސް އުހުރޫ ކެންޔައްތާ ވިދާޅުވީ މި ރިޔާސީ އިންތިޙާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޙާބެއްކަމަށެވެ.

ADS BY ASTERS

Comments are closed.