އިސްރާއީލުން ފަލަސްތީންގެ މަސްޖިދުލް އަޤުޞާގައި ހިންގި އަމަލުތަކާއި އަދި ޣައްޒާއަށް ދެމުންދާ ހަމަލާތައް ވެސް ކުއްވެރިކޮށް ބަޔާން ނެރެން އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުން ކުރި މަސައްކަތް އެމެރިކާ އިން ހުއްޓުވައިފިއެވެެ.

ފަލަސްތީނާއި އިސްރާއީލްގެ މަސްރަހާއި ގުޅޭ ގޮތުން މިއަދު ވެސް އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މިއީ މިމައްސަލައިގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ދެވަނަ ފަހަރެވެ.

އދ.އިން ފަލަސްތީނާއި އިސްރައީލަށް ކަނދައަޅާފައި ހުންނަވާ ސުލްހައިގެ މަންދޫބު ޓޯރު ވެނެސްލޭންޑް ވަނީ ފަލަސްތީނާއި އިސްރާއީލްގެ ހާލަތާއި ގުޅޭ މައުލޫމާތު މިއަދު އޮތް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް ދީފައެވެ.

އޭނާ ވަނީ ޣައްޒާއަށް އަމާޒުވަމުންދާ ހަމަލާތަކާއި ގުޅިގެންނާއި އަޤުޞާ މިސްކިތުގައި އިސްރާއީލް ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑު އެދެން ސަލާމަތީ މަޖިލީހުގެ ހުރިހާ މެންބަރު ގައުމުތަކުން ވެސް މިހަމަނުޖެހުންތައް ހުއްޓާލަން ގޮވާލުމަށް. އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކަމަށް އަމަލުކުރުމަށައި ހަނގުރާމައިގެ ހާލަތުގައި ވެސް ހަނގުރާމައާއި ގުޅުންނެތް އާއްމުން ރައްކާތެރިކުރުމަށް ގޮވާލުމަށް." ޓޯރު ވިދާޅުވިއެވެ.

ނަމަވެސް އެމެރިކާ އަށް ލިބިފައިވާ ވީޓޯގެ ބާރު ބޭނުންކޮށްގެން ފަލަސްތީނުގެ ދިފާއުގައި ބަޔާން ނެރުން ވަނީ ހުއްޓުވާފައެވެ.

މިއަދުވެސް އިސްރާއީލުން ދަނީ ޣައްޒާއަށް ވަރުގަދައަށް ބޮމުގެ ހަމަލާތައް ދެމުންނެވެ. މިހާތަނަށް އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީންގެ 65 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 16 ކުޑަކުދިން ވެސް ހިމެނެއެވެ.

އިސްރާއީލަށް ޣައްޒާ އިން ވެސް ދަނީ ރޮކެޓް ހަމަލާތައް ދެމުންނެވެ. ޣައްޒާ އިން ދިން ރޮކެޓް ހަމަލާތަކުގައި މިހާތަނަށް ހަތް މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އ.ދ

    އެހެންވީމާ މި އދ އޭ ކިޔުނު ބައިގަޑަކީވެސް މިކިޔާ މުގައްދަސް ޑިމޮކްރަސީގެ ހަމަތަކުގެމަތިން ހިނގާތަނެއްނޫންތާ ދޯ...

    27
    2
  2. ރަނާ

    މި އެމެރިކާމީ ޑިމޮކްރަސީއަށް ހުރި ހުތުރެއް

    28
    1
  3. ޑެމޮކް

    ޑިމޮކްރަސީ. ހެހެހެ

    22
    1
  4. ޓތފ

    ކޮބާ ބައިޑަން އަށް ތާއީދު ކުރި ދިވެހިން

    12
    1
  5. ޖަޒީރާ 07

    އ.ދ. އަކީ އަސްލު ކޮންބައެއްކަން އެނގޭބަޔަކުނަމަ ތިވާހަކަ ނުދައްކާނެ. އދ އަކީ އިސްލާމީ ޝަރީއަތާއި ދެކޮޅަށް ވެސްޓަރން ގައިމުތަކުން އުފައްދާފަިވާ ބައިގަނޑެއް. އެމީހުން މައިގަނޑު މަޤްޞަދު ތަކަށް ބާލާލިޔަސް އެކަން ފުދޭނެ. އެގޮތުން ޖިންސީ ހަމަހަމަކަން / ހިއުމަން ރައިޓްސް / ދީނީހަމަ ހަމަކަން މިހެންގޮސް ނަން ހުސްކޮށް.