އިސްރާއީލްގެ ހައިފާ ސިޓީގެ އެޕާޓްމަންޓް ބިލްޑެންގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުންނަށް ދުމުގެ އަސަރުކޮށްގެން އޭގެތެރެއިން 59 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހިއްޖެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އެޕާޓްމަންޓް ބިލްޑިންގައި ދިރިއުޅޭ މީހުންނަށް ދުމުގެ އަސަރު ކުރީ އެއިމާރާތާއި ކައިރީގައި ހުރި ވެހިކަލްތަކެއްގައި އަލިފާން ރޯވުމުންނެވެ. ވެހިކަލްތަކުގައި އަލިފާން ރޯވީ ކީއްވެކަން އަދި ކަށަވަރު ނުކުރެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ބޮޑަށް ބެލެވެނީ އެސަރަހައްދުގައި ދިރިއުޅޭ ބަޔަކު ނުވަތަ މީހަކު ވެހިކަލްތަކުގައި ގަސްދުގައި އަލިފާން ރޯކޮށްލީ ކަމަށެވެ.

ހައިފާ އަކީ އިސްރާއީލްގެ އެންމެ އުތުރުން އޮންނަ އެގައުމުގެ މައި ޕޯޓް ސިޓީއެވެ. އެއީ 1948 ވަނަ އަހަރު އިސްރާއީލުން ފުރަތަމަ ވަޒަންވެރިވި ފަލަސްތީނުގެ ސިޓީތަކުގެ ތެރެއިން އެއްސިޓީއެވެ. ނަމަވެސް މިހާރު ވެސް ހައިފާގައި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅެއެވެ.

އެހެންކަމުން ބެލެވެނީ އެޕާޓްމަންޓް ބިލްޑިންގްގެ ކައިރީގައި ހުރި ވެހިކަލްތަކުގައި އަލިފާން ރޯކޮށްލުން އެއީ އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ގުދުސްގައި ހިންގަމުން ގެންދާ ޖަރީމާތަކާއި ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ.

އިސްރާއީލަށް ޣައްޒާ އިން ދަނީ މެދުކެނޑުމެއްނެތި ރޮކެޓް ހަމަލާތައް ދެމުންނެވެ. މިހާރު ވެސް އިސްރާއީލްގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ދަނީ ރޮކެޓް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން ސައިރަން އަޅަމުންނެވެ.

އިސްރާއީލުން ވެސް ދަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް 65 މީހަކު ޣައްޒާ އިން ޝަހީދުވެފައިވެއެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.