އިސްރާއީލުން 2018 ވަނަ އަހަރު ޝަހީދުކޮށްލި ޣައްޒާގެ ނަރުހެއް ކަމަށްވާ ރަޒާން އަލް-ނަޖަރުގެ ގެއަށް އިސްރާއީލް ސިފައިން ރޭ ބޮން އަޅައިފިއެވެ.

އިސްރާއީލުން ރަޒާން ޝަހީދުކޮށްލީ 2018 ވަނަ އަހަރުގެ ޖޫން 01 ވަނަ ދުވަހު އެވެ. ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރި ރަޒާން ޝަހީދުކޮށްލީ ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ޒަހަމްކޮށްލި ޣައްޒާގެ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.

ހާން ޔޫނިސްގައި ހުންނަ ރަޒާންގެ ގެއަށް އިސްރާއީލުން ރޭ ދިން ހަމަލާތަކުގައި އެގޭގެ އެއްވެސް މީހަކު ޝަހީދުވިކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ރަޒާންގެ ގެއަށް ރޭ އިސްރާއީލުން ހަމަލާ ދިންއިރު އިއްޔެ އަކީ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހެވެ.

2018 ވަނަ އަހަރު އިސްރާއީލުން ރަޒާން ޝަހީދުކޮށްލުމުން މުޅި ދުނިޔޭގެ ފާޑުކިޔުން އިސްރާއީލަށް އަމާޒުވިއެވެ. އަދި ރަޒާން ޣައްޒާ ރައްޔިތުންގެ ދިފާއުގައި ކުރި މަސައްކަތް މުޅި ދުނިޔެ އިން ބަލައިގަތެވެ.

އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 69 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. ހުއްޓުމެއްނެތި އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުން ދަނީ ހަމާސް އާއި އިސްލާމިކް ޖިހާދުގެ މުޖާހިދުންނަށް އަމާޒުކޮށް ކަމަށް އިސްރާއީލުން ބުނެއެވެ. ނަމަވެސް މިހާތަނަށް އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ ތެރޭގައި 16 ކުޑަކުދިންނާއި ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނެއެވެ.

އިސްރާއީލަށް ޣައްޒާ އިން ވެސް ދަނީ ރައްދު ހަމަލާތައް ދެމުންނެވެ. އިސްރާއީލަށް ޣައްޒާ އިން ދިން ރޮކެޓް ހަމަލާތަކުގައި މިހާތަނަށް ހަތް މީހަކު ވަނީ މަރުވެފައެވެ.