އިސްރާއިލުން ދިން މިސައިލް ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރު ބައްސާމް އީސާ ޝަހީދުވެއްޖެއެވެ.

ބައްސާމް އީސާ ޝަހީދުވެފައިވާކަން ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާޢަތުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ 2014 ވަނަ އަހަރުގެ ފަހުން އިސްރާއިލުން ޣައްޒާއަށް ދެމުން ގެންދާ އެންމެ ވަރުގަދަ ހަމަލާތަކެވެ.

ޣައްޒާގެ ކޮމާންޑަރު ބައްސާމް އީސާ އަކީ ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ޝަހީދުވި ހަމާސްގެ އެންމެ އިސް މުޖާހިދެވެ.

ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ ބައްސާމް އީސާ ޝަހީދުވީ ހަމާސްގެ އިތުރު މުޖާހިދުންތަކަކާއިއެކު އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދަނިކޮށް ކަމަށެވެ. ބައްސާމް އީސާ ޝަހީދުވި ހަމަލާގައި އިތުރު ބައެއް މުޖާހިދުން ވެސް ޝަހީދުވި ކަމަށް ހަމާސް އިން ބުނެއެވެ. ނަމަވެސް ޝަހީދުވި މުޖާހިދުންގެ އަދަދެއް ހާމައެއް ނުކުރެއެވެ.

އިސްރާއީލުން ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހަށް ފަހު ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ހަމާސްގެ ގިނަ އަދަދެއްގެ ކޮމާންޑަރުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އިސްރާއީލުން ދައްކާފައެއް ނުވެއެވެ. ބައްސާމް އީސާ ފިޔަވައި އެހެން ކޮމާންޑަރެއް ޝަހީދުވި ކަމަށް ހަމާސް އިން ވެސް އަދި ނުބުނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 69 މީހަކު ވަނީ ޝަހީދުވެފައެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އަދި 300 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.