ޕާކިސްތާނުގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖެހި މީހުންގެ އަދަދުތައް މަދުވާން ފަށައިފިއެވެ.

ޕާކިސްތާނުގައި މޭ މަހުގެ ހަ ވަނަ ދުވަހާއި ހިސާބަށް ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާފައިވަނީ 3.3 މިލިއަން މީހުންނެވެ. އެއީ 216 މިލިއަން މީހުންގެ އާބާދީ އޮންނަ ޕާކިސްތާނުގެ 0.8 އިންސައްތަ މީހުންނެވެ. މީގެން ދޭހަވެގެން ދަނީ ޕާކިސްތާނުގައި ވެކްސިން ޖަހާ މިންވަރު ދަށް ކަމެވެ.

ޕާކިސްތާނުގެ މެޑިކަލް އެސޯސިއޭޝަނުން ރިޕޯޓު ކޮށްފައިވާ ގޮތުން، އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި ވެސް ވެކްސިން ނުޖަހާ މީހުން އެބަތިއްބެވެ. ވެކްސިން ޖަހަން ގިނަ ބަޔަކު ބޭނުން ނުވަނީއެވެ. ކަން މިހެން ދިމާވާ ސަބަބެއް ކަމުގައި ސިއްހީ މާހިރުން ބުނެފައިވަނީ މީޑިއާތަކުން ވެކްސިން ޖެހުމުން ސައިޑް އިފެކްޓްތައް ފެންނަ ކަމަށް ބުނެ ހަބަރު ފަތުރަމުންދާތީ އާންމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވަނީ ކަމަށެވެ. މިކަމާއި ޕާކިސްތާން ސަރުކާރުން ފަރުވާލެއް ނެތް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބައެއް މީހުން ވެކްސިނާއި ދެކޮޅަށް ކެމްޕޭން ކޮށް ދޮގު މައުލޫމާތާއި، މީހުންގެ ހިތުގައި ވެކްސިނުގެ ރައްކާތެރި ކަމާއި މެދު ޝައްކު އުފެދޭ ޒާތުގެ ވާހަކަ ދެއްކުން މިސްކިތް ތަކުގައި ވެސް އާންމު ވެފައިވެއެވެ. މި ސަބަބު ތަކާއި ގުޅިގެން ޕާކިސްތާން ފާހަގަ ކުރެވިފައިވަނީ އެންމެ މަދު މީހުން ވެކްސިން ޖަހާފައިވާ ގައުމުތަކުގެ ތެރެއިންނެވެ.

ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންދާ ވާހަކަ ސިއްހީ ދާއިރާއިން ލިބުުނު މައުލޫމާތާއި މުޅިން ތަފާތެވެ. ޕާކިސްތާން މަޖިލިސް މެމްބަރަކު ވިދާޅުވެފައި ވަނީ އެގައުމުގައި ވެކްސިން ޖަހާ މިންވަރު މަދުވެފައިވަނީ ވެކްސިންގެ ދަތިކަން ދިމާވެފައިވާތީ ކަމަށެވެ. ސަރުކާރުގެ އުންމީދަކީ ޖޫންގެ ނިޔަލަށް ޕާކިސްތާނުން 18.7 މިލިއަން ޑޯޒް ވެކްސިން ދިނުމަށެވެ.

ވެކްސިން ޖެހުމަށް ރެޖިސްޓަރ ކޮށް، ކިއުގައި ޖެހިގެން އެ އޮންނަ ވަކި ހާއްސަ އުސޫލެއްގެ ދަށުން ވެކްސިން ޖަހަން ދާން ޖެހުމަކީ ބައެއް މީހުން ވެކްސިން ޖަހަން ދިއުމާއި ދެކޮޅު ހަދާ ކަމެކެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޕާކިސްތާނުން ނިންމާފައިވަނީ ވެކްސިން ޖަހާ އުމުރުގެ ކުދިން ނަމަ ރެޖިސްޓާ ނުވިކަމުގައި ވިޔަސް ވެކްސިން ސެންޓަރުތަކަށް ދިއުމުން ވެކްސިން ޖަހައިދޭ ގޮތަށެވެ.

ޕާކިސްތާނު ސަރުކާރާއި ޗައިނާއިން ގުޅިގެން އެގައުމަށް އިތުރު ވެކްސިން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.