އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް އެރި ކަމަށް ބުނެވުނީ އޮޅިގެން ކަމަށް އިސްރާއިލް ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފިއެވެ.

އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން ހަމަލާދޭ ކަމަށް ގިނަ މީޑިއާތަކުން ބުނެފައިވަނީ އައިޑީއެފްއިން ނެރެފައިވާ ބަޔާނަކާއި ގުޅިގެންނެވެ. އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުގެ ވައިގެ އަދި އެއްގަމު އުޅަނދުތަކުން ޣައްޒާއަށް ހަމަލާދޭ ކަމަށެވެ.

މިއާއި އެކީ ބައިނަލްއަގުވާމީ ގިނަ މީޑީއާތަކުން ވެސް ވަނީ އިސްރާއީލުން ވައިގެ ހަމަލާތައް ހުއްޓާލައި، އެއްގަމު މަގުން ޣައްޒާއަށް ހަމަލާ ދޭން ފަށާފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.

މިކަމާއި ގުޅިގެން އައިޑީއެފްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް ބުނެވިފައިވަނީ އޮޅިގެން ކަމަށެވެ. އަދި އިސްރާއީލުގެ މީޑީއާއަކަށް މައުލޫމާތު ދެމުން އެގައުމުގެ އަސްކަރިއްޔާގެ ސްޕޯކްސްޕާސަން ބުނެފައިވަނީ ޣައްޒާގެ ބޯޑަރުގައި އެގައުމުގެ އުޅަނދުތައް ނެތް ކަމަށެވެ. އެ ސަރަހައްދުގައި ތިބި އުޅަނދުތައް ތިބީ އިސްރާއީލު ފަޅީގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ، އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް އެރި ކަމަށް ބުނެވިފައިވަނީ އޮޅުމަކުން ކަމަށްބުނެ، އެކަމަށް އޭނާ އަމިއްލައަށް ޒިންމާ ނަގާފައިވާ ކަމަށް ބުނެފައެވެ. އަދި އެފަދަ ގޮތަކަށް ބުނެވިފައި އޮތުމުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 103 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 27 ކުޑަކުދިން ވެސް ހިމެނެއެވެ.