އަލަތު ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ފަލަސްތީނުގެ ޒުވާން ޣައްަޒާ ފިރިހެނަކު ޝަހީދު ކޮށްލައިފިއެވެ.

އަހުމަދު އަލް-މަސްރީ ނަމަކަށް ކިޔާ އެ ޒުވާނާ ޝަހީދު ކޮށްލާފައިވަނީ އިސްރާއީލުގެ ސިފައިން ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައިވެއެވެ.

އަހުމަދު ޝަހީދު ކޮށްލާފައިވަނީ މިއަދު އޭނާގެ ކައިވެނި ޕާޓީއަށް ތައްޔާރު ވަމުން ދަނިކޮށެވެ. އޭނާ ޝަހީދު ކޮށްލާފައިވަނީ މަތިންދާބޯޓުތަކުން ފޮނުވާލި ހަމަލާއެއްގައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ފަލަސްތީނާއި ޣައްޒާގެ މުސްލިމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި މިހަތާނަށް 119 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ވެސް ހިމެނެއެވެ.

ޣައްޒާއަށް އިސްރާއީލުން ވައިގެ ހަމަލާތައް ދެމުން ދާތީ އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 200 ވަރަކަށް މީހުން ގެތަކުން ނިކުމެގެން ގޮސް ޣައްޒާގައި ހުންނަ އދ.ގެ ސްކޫލަކުން މިހާރު ވެސް ހިމާޔަތް ހޯދަމުން އެބަގެންދެއެވެ. ނަމަވެސް މިފަދަ ތަނަކަށް ވެސް އިސްރާއީލުން ހަމަލާ ނުދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

އިސްރާއީލުން ދާދި ފަހުން ޣައްޒާގެ ހޮސްޕިޓަލަކަށް ވައިގެ މަގުން ހަމަލާތަކެއް ދީފައިވެއެވެ. އެހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ.

އިސްރާއީލުން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އެގައުމުން ބުނެފައިވަނީ ހަމާސް ޖަމާއަތް މައިތިރު ކުރެވެންދެން ހަމަލާތައް ނުހުއްޓާނެ ކަމަށެވެ. އަދި އެއްގަމު މަގުން ވެސް ޣައްޒާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިސްރާއީލުން ވަނީ ދީފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން އަދި ވަކި އެއްޗެކޭ ހާމަ ކޮށްފައެއް ނުވެއެވެ.