ފަލަސްތީނުގެ ދިފާއުގައި ފްރާންސުގައި ބޭއްވި އެއްވުން އެގައުމުގެ ފުލުހުން ވަރަށް އަނިޔާވެރިކޮށް ރޫޅާލައިފިއެެވެ.

އިސްރާއިލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ގިނަ ގައުމުތަކަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ. ފަލަސްތީނު މިނިވަން ކުރުމަށް އެދި ބައެއް ގައުމުތަކުގައި ގިނަ އަދަދެއްގެ މީހުން އެއްވެ އަޑު އުފުލާފައިވެއެވެ. އެގޮތުން، ނެދާލޭންޑް، އޮސްޓްރޭލިއާގެ ދެ ސިޓީއެއް، އިރާގު އަދި ލުބުނާންގައި މިހާރު ވެސް ވަނީ ބޮޑެތި އެއްވުންތަކެއް ބާއްވާފައެވެ.

ފްރާންސްގެ ޕެރިހުގައި ކުރިޔަށް ދިޔަ އެއްވުން އެގައުމުގެ ފުލުހުން ނުކުމެ ބާރުގެ ބޭނުން ކޮށްގެން ރޫޅާލައިފައި ވެއެވެ. ރިޕޯޓުތައް ބުނާގޮތުން އެއްވުން ރޫޅާލައިފައި ވަނީ 200 އަށް ވުރެ ގިނަ ފުލުހުން ނުކުމެ ކަރުނަ ގޭސް ބޭނުންކޮށްގެންނާއި ޕްރެޝަރުގައި މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފެން ޖަހައިގެންނެވެ. މަސްލަހަތު ގޯސްވިޔަ ނުދިނުމުގެ ގޮތުން އެގައުމުގައި މުޒާހަރާކޮށް، އަޑު އުފުލުމަށް ޖާގަ ނުދޭނެކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފްރާންސަކީ މުސްލިމުންނާއި ދެކޮޅު ނާތަހުޒީބު އަމަލުތަކެއް ހިންގަމުންދާ ގައުމެކެވެ.

އިސްރާއިލުން ފަލަސްތީނަށް ދިން ހަމަލާ ތަކުގައި މިހާތަނަށް 10،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި މަގުމަތިވެފައިވެއެވެ. އިސްރާއިލުގެ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 145 އަށް އަރައެވެ. އޭގެ ތެރޭގައި 41 ކުޑަ ކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއިލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުން ދަނީ ހުއްޓުމެއް ނެތި ހަމަލާ ދެމުންނެވެ. އެތައް ހާސް ރޮކެޓެއް އިސްރާއިލާއި ދެކޮޅަށް ފޮނުވާފައިވާއިރު، ޔަހޫދީންނަށާއި، އިސްރާއިލުގެ އިމާރާތްތަކަށް ގެއްލުން ވެފައިވެއެވެ. ޣައްޒާއިން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އިސްރާއިލުގެ 10 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވެއެވެ.