މެކްސިކޯ ކައިރިން ޕެސިފިކް ކަނޑުގައި ބާރުގަދަ ތޫފާނެއް އުފެދިއްޖެއެވެ.

ޗާލޮޓާ ގެ ނަމުން ނަންދީފައިވާ މި ތުފާނަކީ އެމެރިކާ ސަރަހައްދުގައި ތޫފާން އުފެދޭ މޫސުމާއި ދިމާކޮށް މިހާތަނަށް އުފެދުނު އެންމެ ބޮޑު ތޫފާނެވެ. ކުރިއަށް އޮތް ހަފްތާގައި މި ތޫފާން އިތުރަށް ބާރުގަދަވެ މެކްސިކޯގެ އައްސޭރިފަށަށް އަރާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

ތޫފާނުގައި ބިންގަނޑު ކަނޑައިގެން ދިޔުމާއި ވައިގަދަވުމާއި ފެންބޮޑުވާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ. މެކްސިކޯގެ 70 މޭލު ބޭރުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ގަދަ ވަޔާއި ވާރެއާއެކު އައި ތޫފާނުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާނެ ކަމަށް ބެލެވޭތީ އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އެލާޓް ނެރެފައެވެ.

މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ބާރުގަދަ ތޫފާން މެކްސިކޯ އަށް އެރީ 2015 ވަނަ އަހަރުއެވެ. ހަރިކޭން ޕެޓްރީސިއާގެ ނަންދީފައިވާ ތޫފާނު މެކްސިކޯގެ އައްސޭރިފަށަށް އެރީ ގަޑިއަކު 305 ކިލޯ މީޓަރު ބާރުމިނުގައެވެ.

އެ ތޫފާންގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮޑުވެ ތަފާތު ގިނަ ހާދިސާތައް ހިނގިއެވެ.

ދުނިޔޭގެ މިޓިއޮރޮލިޖަކްނ އޯގަނައިޒޭޝަނުން ބުނީ އެއީ 2013 ވަނަ އަހަރު ފިލިޕީންސް އަށް އެރި ތޫފާން ހައްޔާން ހާ ބާރުގަދަ ތޫފާނެއް ކަމަށެވެ.