އިސްރާއިލުން ފަލަސްތީނުގެ ޝަޓީ ރެފިއުޖީ ކޭމްޕުގައި ތިބި މީހުންނަށް ހަމަލާދީ 10 މީހަކު ޝަހީދު ކޮށްލައިފިއެވެ. އޭގެ ތެރޭގައި 8 ކުޑަކުދިން ހިމެނޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވެއެވެ.

މިއަދު ހެނދުނު ރެސްކިއު ޓީމުން އެ ގެ ބެލުމުގެ ތެރެއިން އަނިޔާވެފައިވާ 15 މީހުން ފެނިފައިވެއެވެ. އޭގެ ތެރޭގައި ތުއްތު ކުއްޖަކު ހިމެނެއެވެ.

ޒަހަމް ވެފައިވާ މީހުންނަށް ފަރުވާދެމުންދިޔަ އަލް-ޝިފާ ހޮސްޕިޓަލުގެ ޑޮކްޓަރަކު ބުނެފައިވަނީ އަނިޔާވި މީހުންނަށް ފަރުވާ ދެމުން ދާ ކަމަށާއި، އެއީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަމަލާދިން ގޭގެ އިސް ފަރާތުގެ އާއިލާއިން މީހަކު އަލްޖަޒީރާއަށް ބުނެފައިވަނީ އެ ހަމަލާ ދީފައިވަނީ އިންޒާރެއް ވެސް ދިނުމެއް ނެތި ކަމަށެވެ. އޭނާ ބުނެފައިވަނީ ހަމަލާ ދިން ވަގުތު ގޭގައި ދިރިއުޅުނު މީހުންގެ އިތުރުން އާއިލާގެ މެމްބަރުން ގެއަށް ޒިޔާރާތް ކުރި ކަމަށާއި، ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އެ އެންމެން ވެސް ހިމެނޭ ކަމަށެވެ.

ހަމަލާގައި ޒަހަމްވެފައި ހުރި ފިިރިހެން ކުއްޖަކު ބުނެފައިވަނީ ހަމަލާ އެރި ވަގުތު ގޭގެ ކުޑަދޮރުތައް ހަލާކުވެގެން އައިސް، ބިއްލޫރިތައް ގަޔަށް ހެރި ޒަހަމްވީ ކަމަށެވެ. އެވަގުތު އަނިޔާނުވެ ސަލާމަތް ވުމަށް މަސައްކަތް ކުރިކަމަށް ބުނެފައިވެއެވެ.

ރެފިއުޖީ އެޖެންސީއިން ރިޕޯޓު ކޮށްފައިވާ ގޮތުން ޝަޓީ ރެފިއުޖީ ކޭމްޕަކީ ފަލަސްތީނުގައި ތިންވަނައަށް އެންމެ މީހުން ގިނަ ކޭމްޕެވެ. ރިޕޯޓުތައް ބުނާގޮތުން އެއީ 85،000 އަށް ވުރެ ގިނަ ރެފިއުޖީންގެ ގެދޮރެވެ.

އިސްރާއިލްގެ ހަމަލާތަކުން ޝަހީދުވި ފަލަސްތީން ކުޑަކުދިންގެ އަދަދަކީ 40 އެވެ.