ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ބަދަލުގައި އެ ވެކްސިންތައް ފަގީރު ގައުމުތަކަށް ހަދިޔާ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ގޮވާލައިފިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ ފުދިގެން އުޅޭ ގައުމުތަކުގެ މީހުން ކުޑަކުދިންނަށް ވެކްސިން ޖަހަން ފަށާފައިވާއިރު، ފަގީރު ގައުމުތަކުގައި ވެކްސިން ދޭން ފަށާފައިވަނީ ހަމަ އެކަނި ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށެވެ. ސިއްހަތު ސަލާމަތުން ތިބި ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ބަދަލުގައި ވެކްސިނަށް ބޭނުން ޖެހިފައި ތިބި ގައުމުތަަކަށް ވެކްސިން ހަދިޔާކުރުމަށް އަދަނޮމް ބާރު އަޅާފައިވެއެވެ.

ފްރާންސާއި ސުވިޑަންފަދަ ބައެއް ގައުމުތަކުންވަނީ ވެކްސިން ދިނުން މުހިންމު އުމުރުފުރާތަކަށް ވެކްސިން ދިނުމަށްފަހު ބާކީވެފައިވާ ޑޯޒުތައް ކޮވެކްސް މަޝްރޫއުއަށް ހަދިޔާކޮށްފައެވެ. ކޮވެކްސް މަޝްރޫއުއަކީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަކަމާއެކު ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް އދ.އިން އިސްވެ ގާއިމުކޮށްފައިވާ މަޝްރޫއުއެކެވެ. މުއްސަނދި އެހެން ގައުމުތަކުންވެސް ފްރާންސާއި ސުވިޑަނެކޭ އެއްގޮތަށް ޢަމަލުކުރާނެކަމަށް ޑަބުލިޔުއެޗުއޯއިން އުންމީދުކުރެއެވެ.

އެމެރިކާ ފަދަ ގައުމުތަކުގައި މިހާރު ވަނީ ކުޑަކުދިންނަށް ވެކްސިން ދޭން ފަށާފައެވެ. މިކަމާއި ގުޅިގެން އަދަނޮމް ވިދާޅުވީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކުޑަކުދިންނަށް ވެކްސިން ދޭން ބޭނުންވާ ސަބަބު އޮޅުން ނުފިލާ ކަމަށާއި، އެކުދިންނަށް ވެކްސިން ދިނުމުގެ ބަދަލުގައި ކޮވެކްސް މަޝްރޫއުއަށް ވެކްސިން ހަދިޔާ ކުރުމަށް ޑަބްލިއުއެޗްއޯ އިން ބާރުއަޅާކަމަށެވެ.

ފަގީރު ގައުމުތަކުގައި ވެކްސިން ދިނުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާތީ، ކޮވެކްސް މަޝްރޫޢުގެ ދަށުން މިހާތަނަށް ވެކްސިންގެ 60 މިލިޔަން ޑޯޒުވަނީ ފަގީރު ގައުމުތަކަށް ފޯރުކޮށްދީފައެވެ.