ޖެހިޖެހިގެން ބާރުގަދަ ބިންހެލުމެއް އައުމުން އައިސްލޭންޑްގެ އަލިފާން ފަރުބަދަ ގޮވާފާނެ ކަމުގެ އިންޒާރު ދީފި އެވެ.

" ބަރުބަބުންޑާ " ނަމަކަށް ކިޔާ މި އަލިފާން ފަރުބަދައަކީ އައިސްލޭންޑްގެ އެންމެ ބޮޑު އަލިފާން ފަރުބަދައެވެ. މި އަލިފާން ފަރުބަދައަށް މިދިޔަ ބުރާސްފަތި ދުވަހު ބާރުގަދަ ދެ ލޮޅުން އައިސްފައިވާއިރު ފުރަތަމަ ލޮޅުން އައިސްފައިވަނީ 4.1 ގެ ބާރުމިނުގައި އެވެ. އަދި ދެވަނަ ލޮޅުން އައީ 4.9 ގެ ބާރުމިނުގައިއެވެ.

6,591 ފޫޓްގެ މި އަލިފާން ފަރުބަދަ ގޮވާފާނެ ކަމުގެ އިންޒާރުދީފައިވާއިރު ނޯތުއެޓްލާންޓިކްގައި އޮންނަ އައިސްލެންޑްގައި ހިމެނޭ އަލިފާންފަރުބަދަތަކާއި ގަނޑުފެންގަނޑުތަކުގެ ސަބަބުން އެގައުމަށް ލޭންޑް އޮފް ފަޔަރ އެންޑް އައިސްއޭ ކިޔައެވެ. އައިސްލޭންޑްގައި 125 އަލިފާން ފަރުބަދަ ހުރެއެވެ. އަދި ކޮންމެ ހަތަރު އަހަރުން އެއް އަހަރަކު މިއިން އަލިފާން ފަރުބަދައެއް ގޮވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އަލިފާން ފަރުބަދައިގެ ހަރަކާތްތައް ދިރާސާކުރާ އިންސްޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސެސްމޮލޮޖީން ބުނީ، ކުރިއަށް އޮތް މަދުދުވަސްކޮޅެއްގެ ތެރޭގައި އަލިފާން ފަރުބަދަ ގޮވާނެކަމަށާއި، އަދި އެގޮވުން ވަރަށް ނުރައްކާތެރިވެދާނެކަމަށެވެ.

އެހެންކަމުން ފަރުބަދައިގެ ވަށައިގެން 8 ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ ރައްކާތެރި ނޫން ތަނެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެސަރަޙައްދަށް ނުދިއުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.

މި ފަރުބަދަ އަކީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ގޮވި ފަރުބަދަ އެކެެވެ. 2015 ވަނަ އަހަރު ފަރުބަދަ ގޮވުމާ ގުޅިގެން ވައިގެ 1.2 މޭލު މައްޗަށް ދުމާއި އަޅި އަރާފައިވާއިރު 2014 ވަނަ އަހަރު ފަރުބަދަ ގޮވުމުގެ ހާދިސާގައި 63 މީހަކު މަރުވެފައިވެއެވެ.