އިސްރާއީލާއި ޣައްޒާއާއި ދެމެދު ބަދަލު ކުރަމުން އަންނަ ހަމަލާތަކުގައި ޣައްޒާގެ ހަތަރު ކުދިން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގައި ހުންނަ ޝިފާ ހޮސްޕިޓަލުގެ ބޭރުގައި ހުރެ ވާހަކަ ދައްކަމުން ޝަހީދު ކޮށްލާފައިވާ ހަތަރު ކުދިންގެ ބައްޕަ، މުހައްމަދު އަލް ހަދީދީ ބުނެފައިވަނީ އެކުދިން ޝަހީދު ކޮށްލާފައިވަނީ އެސިޓީގައި ހުންނަ ރެފިއުޖީ ކޭމްޕެއް ކަމަށްވާ ޝަޓީގައި ތިއްބާ ކަމަށެވެ.

އޭނާ ބުނީ، އެކުދިން ޝަހީދު ކޮށްލާފައިވާއިރު، އެކުދިން ތިބޭ ގޭގައި ކަމުން ރައްކާތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރި ކަމަށެވެ. އަދި ކުދިން ޝަހީދު ކޮށްލާފައިވަނީ އީދު ފާހަގަ ކުރަމުން ދަނިކޮށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެމީހުން ތިބީ ރައްކާތެރި ކަމާއި އެކީ ގޭތެރޭގައި. އެއްވެސް ކަހަލަ ހަތިޔާރެއް ވެސް އެކުދިން ނުގެންގުޅޭ. ރޮކެޓް ހަމަލާއެއް ވެސް އެކުދިން ނުދޭ. ހަތަރު ކުދިން ވެސް ޝަހީދު ކޮށްލީ، ޢީދު ހެދުން ލައިގެން ޢީދު ފާހަގަ ކުރަމުން ދަނިކޮށް" މުހައްމަދު ބުނެފައި ވެއެވެ.

މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ މީޑިއާތަކުން ބުނެފައިވަނީ އެކުދިން ޝަހީދު ކޮށްލާފައިވާ އިމާރާތުގައި ހަމާސް ޖަމާއާތުގެ އިސް ފަރާތްތަކުން ބައްދަލުވުމެއް ކުރިއަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ޔަގީން ކަމެއް ކަމަށާއި ޝަހީދުވި މީހުންގެ އަދަދު ހާމަ ކޮށްފައެއް ނުވެއެވެ.

އިސްރާއީލާއި ޣައްޒާއާއި ދެމެދު ބަދަލު ކުރަމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 140 މީހަކު މަރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ﷲ އިރާދަކުރެއްވިއްޔާ މާދަމާ އެކުދިން ﷲ ގެ ހަޟްރަތަށް ކަށަވަޅުން ތެދުވާނީ މުސްލިމުންގެ ޢީދު ފާހަގަކުރަމުންދާ ހާލުގާ. ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މިހާރު އަދި ވެސް މާދަމާވެސް އެކަލާނގެ އެކުދިންނަށް ހަޤީޤީ ޢީދު ދައްކަވާނެ. އިންޝާﷲ.