ޣައްޒާގައި މީޑިއާތަކުން މަސައްކަތް ކުރާ ޓަވަރަށް އިސްރާއީލުން ހަމަލާދީ ބިމާ ހަމަކޮށްލުމުން ޣައްޒާގެ ހާލަތު ކުރިން ދުނިޔެއަށް އެނގުނު ވަރަށް ނޭނގޭނެ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެފިއެވެ.

އިސްރާއީލުން ވަނީ މިއަދުގެ ވަގުތެއްގައި ޣައްޒާގައި ހުންނަ ބައިނަލްއަގުވާމީ ގިނަ މީޑިއާތަކުން މަސައްކަތް ކުރަމުން އަންނަ ޓަވަރެއް ބިމާ ހަމަކޮށްފައެވެ. އެހެން ނަމަވެސް މި ހާދިސާގައި މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް އަދި ސާފުވެފައެއް ނުވެއެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ނެރެފައިވާ ބަޔާނެއްގައި އެ މީޑީއާގެ ރައީސް ގެރީ ޕްރުއިތް ބުނެފައިވަނީ އިސްރާއީލުން ދިން ހަމަލާއާއި ގުޅިގެން ހައިރާން ވެފައިވާ ކަމަށާއި އެޓަވަރު ގޮއްވާލާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.

"އެމީހުންނަށް އެނގޭ އަޅުގަނޑުމެންގެ ނޫސްވެރިން އެޓަވަރުގައި މަސައްކަތް ކުރާކަން. މީގެ ކުރިން ގޮއްވާލާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައި" އޭނާ ބުންޏެވެ.

މިއީ ވަރަށް ހިތާމަވެރި ހާދިސާއެއްކަން ފާހަގަކޮށް އޭނާ ބުނީ، އެތަނުގައި މަސައްކަތް ކުރާ މީހުންގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށެވެ. ޓަވަރު ގޮއްވުމުގެ ކުރިން ގިނަ އަދަދެއްގެ މީޑިއާތަކުގައ މީހުން ތިބި ކަމަށާއި އެހެން ނަމަވެސް ގޮއްވާލުމުގެ ކުރިން އެންމެން އެތަނުން ނިކުމެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ޓަވަރު ގޮއްވާލުމާއި ގުޅިގެން މީގެ ކުރިން ޣައްޒާގައި ހިނގަމުން އަންނަ ހަމަލާތަކާއި ފަހުގެ ހަބަރުތައް ކުރިން ދުނިޔެއަށް ގެނެސްދެވުނު ގޮތަށް މީގެ ފަހުން ނުގެނެސްދެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"މިއަދު ހިނގި ހާދިސާއާއި ގުޅިގެން ދުނިޔެއަށް ދެން އެނގޭނީ ވަރަށް މަދު އެއްޗެއް ޣައްޒާގައި ހިނގާ." އޭނާ ބުންޏެވެ.

އިތުރު ތަފްސީލް އަންނަނީ....