އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވާ ޣައްޒާގެ ފަހުގެ ހާލަތު ގެނެސް ދިނުމަށް އެސިޓީގައި ހުންނަ "އަލް-ޝިފާ ހޮސްޕިޓަލް" ބޭނުން ކުރަން މީޑިއާތަކުގެ ނޫސްވެރިން ފަށައިފިއެވެ.

ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ނޫސްވެރިން ޝިފާ ހޮސްޕިޓަލް ބޭނުން ކުރުމަށް ނިންމާފައިވަނީ އިސްރާއީލުން ޢައްޒާގައި ހުންނަ މީޑިއާތަކުގެ ޓަވަރު ބިމާއި ހަމަކޮށްލުމާއި ގުޅިގެންނެވެ.

އެޓަވަރަކީ އެއީ އަލްޖަޒީރާ ނޫހާއި އެސޯސިއޭޓޭޑް ޕްރެސްގެ އިތުރުން ބައިނަލްއަގުވާމީ ބޮޑެތި މީޑީއާތަކުން މަސައްކަތް ކުރަމުން އަންނަ ޓަވަރެކެވެ. އިސްރާއީލުން އެ ޓަވަރު ބިމާއި ހަމަކޮށްލާފައިވަނީ އެންމެ 2 ސިކުންތުގެ ތެރޭގައި ކަމަށް ނޫސްވެރިން ވަނީ ބުނެފައެވެ.

އެހެން ކަމުން ދުނިޔެއަށް މީގެ ކުރިން ޣައްޒާގައި ހިނގަމުން އަންނަ ހަބަރުތަކުގެ އެނގުނު ގޮތަށް ދެން ނޭނގޭނެ ކަމަށް ވެސް އެސޯސިއޭޓެޑް ޕްރެސް އިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މީޑިއާތަކުގެ ބައެއް ބޭފުޅުން އަންނަނީ އެ ހާލަތުގައި ވެސް ޣައްޒާގައި ހިނގަމުން އަންނަ ހަބަރުތަކުގެ ތަފްސީލު ދުނިޔެއަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ނޫސްވެރިއެއް ކަމަށްވާ ޔުމްނާ އަލް ސައީދު ބުނެފައިވަނީ މިވަގުތު އެންމެ ރައްކާތެރި ތަނަކަށް ހުރީ އަލްޝިފާ ހޮސްޕިޓަލް ކަމަށެވެ.

"އެއީ މިހާރު އެންމެ ރައްކާތެރި ތަނަކަށް ހުރިތަން އަޅުގަނޑުމެންނަށް އެނގިގެން. މީގެ ކުރިން އެތަނަށް ހަމަލާދިނަސް ހޮސްޕިޓަލެއް ވީމާ ރައްކާތެރި ވާނެ ކަމަށް މި ބަލަނީ. އެތަނުން ދެން ހަބަރުތައް ގެނެސްދޭނީ" ޔުމްނާ ބުންޏެވެ.

ޔުމްނާ ބުނީ، އެމީހުން މީގެ ކުރިން މަސައްކަތް ކުރި "އަލް ޖަލާ" ޓަވަރުގައި ތިބި މީހުން އެތަން ދޫކޮށް ނިކުމެފައިވަނީ އިސްރާއީލުގެ ސިފައިން އެ ޓަވަރުގެ އިސް ފަރާތަށް އެއްގަޑިއިރު އެތަން ހުސްކުރުމަށް ދިނުމުން އެކަން އަންގައިގެން ކަމަށެވެ.

އެއްގަޑިއިރުގެ މުއްދަތެއް ދިންނަމަވެސް، ހަމަލާ ނުދޭނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ސްޕޯކްސްމަން ބުނި ކަމަށާއި އެހެން ނަމަވެސް އެއްގަޑިއިރު ހަމަވިތާ ގޮތަކަށް އެތަން ގޮއްވާލި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިސްރާއީލުން އަލް ޖަލާ ޓަވަރު ގޮއްވާލާފައިވަނީ ހަމާސް އިން އެ އިމާރާތް ބޭނުން ކުރަމުން ދަނީ ހަތިޔާރު ރައްކާ ކުރުމަށާއި، ސައިބާ ސެންޓަރުތަކެއްގެ ގޮތުގައާއި މުއާސަލާތީ ހަބެއްގެ ގޮތުގަައި ކަމަށް ބުނެއެވެ.