ދިވެހިންގެ ފަރާތުން ޣައްޒާގެ ރައްޔިތުންނަށް ކާއެއްޗެއްހި ފޯރުކޮށްދިނުމަށް ތައްޔާރުވަމުން ދިޔަ ވަގުތު އެ ސަރަހައްދަށް އިސްރާއީލުން ބޮމުގެ ހަމަލާއެއް ދީފިއެވެ.

އިސްރާއީލުން ބޮމުގެ ހަމަލާ ދީފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިއަށް ގެންދާ "ލޯތްބާއެކު" ކެމްޕޭނު ކުރިއަށް ގެންދާ ވެއާހައުސް އެއް ކައިރިއަށެވެ.

އެސަރަހައްދަށް އިސްރާއީލުން ބޮމުގެ ހަމަލާ ދީފައިވާ ކަމަށް އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު، މުހައްމަދު އަލީ ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ. އޭނާ ވިދާޅުވީ، ބޮމުގެ ހަމަލާދިން ވަގުތު އެތަނުގައި ހަރަކާތްތެރިވާ މެމްބަރުން ތިބީ ކާތަކެތި ޕެކް ކުރުމުގައި ކަމަށެވެ.

އަދި ބޮމުގެ ހަމަލާ ދީފައިވަނީ އެތަނާ ކައިރި ސަރަހައްދެއް ކަމުން އެތަނުގައި ހަރަކާތްތެރިވި މީހަކަށް ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަބަދުވެސް އަޅުގަނޑު ހުރިހާ ފަރާތްތަކަށް ގުޅައި އަންނަނީ ތަރުތީބުތައް ބައްލަވަމުން. ދެން މިއަދު ވީޑިއޯ ކޯލެއްގައި ހުއްޓާ ބޮން އެޅީ. އަޅުގަނޑަށް ފެނުނު އެތަން ގުޑިގެން ދިޔަތަން." އަލީ ވިދާޅުވިއެވެ.

އެ ހަމަލާއާ ގުޅިގެން އެތަނުގައި ތިބި އެންމެން އެކި ދިމަދިމާލަށް ދުއްވައިގަތް ކަމަށާއި އޭގެ އިރުކޮޅެއް ފަހުން ބޭރަށް ނުކުތުމުން ދުމުގެ އަސަރު ފެނިގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިސްރާއީލްގެ އެފަދަ ހަމަލާތަކެއް އަމާޒުވި ނަމަވެސް، ޣައްޒާގައި މަސައްކަތް ކުރާ ޕާޓްނަރުންނަކީ ވަރަށް ވެސް ހިތްވަރު ގަދަ ކޮންމެ ކަމެއް ދިމާވިއަސް އެހީތެރިވާން ތިބޭނެ ބައެއް ކަން އޭނާ ފާހަގަ ކުރިއެވެ.

އަލީ ވިދާޅުވީ، ޣައްޒާއަށް އެހީތެރިވުމަށް ކާތަކެތި ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުން އަންނަނީ ތިން ޕާޓްނަރުންނާއި ގުޅިގެން ތިން ސަރަހައްދެއްގައި ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާ ދިނުމުގައި ބޮޑަށް ބަލަނީ އުސް އިމާރާތްތަކަށާއި އާއްމުން ގިނައިން ތިބޭ ސަރަހައްދުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ދީފައިވާ ހަމަލާތަކުގައި ސަބަބުން 5000 ވަރަކަށް އާއްމު ރައްޔިތުން ވަންނާނެ ގެއެއް ނެތިފައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރެއިން 2000 މީހުން ސްކޫލުތަކުގައި ޖާގަ ހަދައިގެން އުޅޭއިރު، އިސްރާއީލް ސިފައިންގެ ހަމަލާއެއް ނާންނާނެ ކަމަށް ބެލެވޭ "ފަޅު" ގެތަކުގައި ބައެއް މީހުން އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރ

    ތި ފައުންޑޭޝަން ތަކަށް ޑޮނޭޓް ކުރެވޭނެ ގޮތްވެސް ބުނެދިންނަމަ ވަރަށް ރަނގަޅުވީސް.

    27
    2
    • އޯކެ

      އެމީހުންގެ ފޭސްބުކް ޕޭޖެއް އޮވޭ ، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން، (އައި.އޭ.ސީ)

      6
      2