ދުނިޔޭގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޗައިނާ ސަރުކާރުގެ އަތް ދަށުވެ، ޒިންޖިއާން ސަރަހައްދުގައި ބަންދުކޮށްފައި ތިބޭ އިމާމުންގެ އަދަދު 630 އަށް އަރައެވެ. އެމީހުންނާ އެކު 2014 ވަނަ އަހަރުން ފެށިގެން މުސްލިމް އެތައް ބަޔަކު ވެސް އެތަނުގައި ތިބީ ބަންދުވެފައެވެ.

ޒިންޖިއާންގައި އުޅޭ މުސްލިމުންނަށް ރޯދަ ހިފުން މަނާ ކުރުމާއި، ގަދަ ބާރުން މަސައްކަތް ކުރުވުމާއި ރޭޕް ކުރުން ފަދަ އިންސާނިއްޔަތާއި ދެކޮޅު އެތައް ކަމެއް ޗައިނާ ސަރުކާރުން ކުރަމުން އަންނަ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ.

ވީގާ ހިއުމަން ރައިޓްސް ޕްރޮޖެކްޓް (ޔޫއެޗްއާރްޕީ) ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުން ޒިންޖިއާންގައި ތިބި މުސްލިމް ލީޑަރުންގެ ތެރެއިން 18 މީހުން ބަންދުގައި ތިއްބާ މަރުވެފައިވެއެވެ. ބަންދުގައި ތިބި ގިނަ ދީނީ މީހުންނަކީ ދީނީ އިލްމު ފަތުރަން މަސައްކަތް ކޮށްފައިވާ މީހުންނެވެ. އެކަމަކު އެމީހުންގެ މައްޗަށް ޗައިނާ ސަރުކާރުން ކުރަނީ އެއްވެ އުޅެ އާންމުންނަށް އުނދަގޫ ކުރާ ކަމުގެ ތުހުމަތެވެ.

ޔޫއެޗްއާރްޕީ އިން މަސައްކަތް ކުރަމުންދަނީ ޗައިނާގެ ޒިންޖިއާންގައި ތިބި 1،046 މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށެވެ.

ޗައިނާއިން މައުލޫމާތު ހިއްސާ ކުރުމުގައި ފިއްތުން ތަކެއް ހުރުމާއެކު، ޒިންޖިއާންގައި ތިބި މީހުންނާ ގުޅޭ މައުލޫމާތު ހޯދުމަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ތައުލީމް ހާސިލް ކުރުމަށް ހުރަސް އެޅުމާއި މިކަހަލަ އެތައް ކަމެއްގައި މުސްލިމުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިތުރުން ޒިންޖިއާންގައި މުސްލިމުންގެ ބަޔަކު ކުށެއް ނެތި ބަންދުކޮށްފައި ތިބެއެވެ. އިންސާނީ ހައްގުތައް ހޯދަން ވަަކާލާތު ކުރާ ގުރޫޕުތަކުގެ މި ތުހުމަތުތައް ޗައިނާއިން ވަނީ ދޮގު ކޮށްފައެވެ.

ޗައިނާގައި ތުރުކީގެ ގިނަ މުސްލިމުން ހިމެނޭހެން ހާހަކަށް ވުރެ ގިނަ މުސްލިމުން ބަންދުވެފައި ތިބިކަމަށް އިންސާނީ ހައްގުތައް ހޯދަން ވަކާލާތުކުރާ ގުރޫޕުތަކުން ބުނެއެވެ. އިންސާނިއްޔަތާ ދެކޮޅު އަމަލުތައް ހިންގައި، މުސްލިމުންނަށް ބޭއިންސާފުން ކަންތައް ކުރާ ކަމުގެ ތުހުމަތު ޗައިނާ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު