ފަލަސްތީނުގެ ރައްޔިތުންނާއިއެކު ތިބިކަން ހާމަކުރުމަށާއި، އެމެރިކާ އިން އިސްރާއީލްގެ އަމަލުތަކަށް ހިތްވަރު ދެމުން ގެންދާތީ، އެމެރިކާ ސަރުކާރުގެ އަމަލުތައް ކުށްވެރިކުރުމުގެ ގޮތުން އެމެރިކާގެ އެތައް ހާސްބަޔަކު މަގުތަކަށް ނިކުމެ އަޑުއުފުލައިފިއެވެ.

އެމެރިކާ ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީން ރައްޔިތުންނަށް ތާއިދު އޮތްކަން ހާމަކުރުމަށް އެމެރިކާގެ އެންމެ ބޮޑެތި ސިޓީތައް ކަމަށްވާ ލޮސް އެންޖެލިސް، ނިއުޔޯކް، ބޮސްޓަން، ފިލިޑާފިއާ އާއި އަދި އިތުރު އެތައް ސިޓީއެއްގައި ވަނީ މުޒާހަރާކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުމަށް ގޮވާލާ އަޑުއުފުލާފައެވެ. އަދި ކުށެއްނެތް އާއްމުން ޝަހީދު ކުރުމަށް އެމެރިކާ ސަރުކާރުން ހިތްވަރު ދިނުން މިހާރުން މިހާރަށް ހުއްޓާލަން ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މުޒާހަރާގެ އެއްބައިވެރިޔަކު ބުނީ އޭނާ މުޒާހަރާއަށް ނިކުމެ ހުރީ އިސްރާއީލަށް ލިބޭ އެތައް ޙައްޤެއް ފަލަސްތީން ރައްޔިތުންނަށް ނުލިބި ހަމަހަމަކަން ނައްތާލާފައި އޮތުމުން ކަމަށެވެ. "އެމެރިކާ އިން އަބަދުވެސް ވަކާލާތު ކުރަނީ ހުރާ އެންމެނަށް ހަމަހަމަ ހައްގުތަކެއް ދިނުން އެދި. ނަމަވެސް ފަލަސްތީން ރައްޔތުންނަށް ހައްގުތައް ނުލިބޭތީ އެއަޑުއުފުލަން ނިކުމެ މިހުރީ." އޭނާ ބުންޏެވެ.

އިތުރު މީހަކު ބުނީ ފަލަސްތީންގެ އާއްމުންނާއި ޣައްޒާގެ ކުޑަކުދިންނަށް ވެސް މިނިވަންކަމާއިއެކު ދިރިއުޅުމުގެ ހައްގު ލިބެން ޖެހޭނެ ކަމަށާއި އޭނާ މުޒާހަރާއަށް ނިކުތީ ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުމަށް ގޮވާލުމަށްޓަކައި ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އެމެރިކާ އިން ތަކުރާރުކޮށް އިސްރާއީލްގެ އަނިޔާވެރި އަމަލުތަކަށް ހިތްވަރު ދެމުން ގެންދާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަކީ ވެސް މިހާރު އިސްރާއީލުން ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކުގެ ބައިވެރިއެކެވެ.

އެމެރިކާ ސަރުކާރުން ބުނެފައިވާ ގޮތުގައި އިސްރާއީލުން ފަލަސްތީނަށް ހަމަލާދެނީ އަމިއްލަ ދިފާއުގައެވެ. އިސްރާއީލަށް އަމިއްލަ ދިފާއުގައި ފަލަސްތީނަށް ހަމަލާ ދިނުމުގެ ހައްގު އޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެތައް ފަހަރަކު ވިދާޅުވެފައެވެ.