ކޮވިޑް-19 ޖެހިގެން ހަފްތާއެއްގެ ތެރޭގައި އިންޑިއާ އިން މަރުވި މީހުންގެ އަދަދު 30،000 އާ ގާތްކޮށްފިއެވެ.

އަވަށްޓެރި އިންޑިއާގައި އެއް ދުވަސްތެރޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު އާންމުކޮށް އުޅެނީ 4،000 އިން މަތީގައެވެ. ކޮވިޑުގެ ދެވަނަ ރާޅާއި އެކު އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިންތިހާއަށް އުފުލެމުންނެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި ފާއިތުވި ހަފްތާގައި އެކަނިވެސް އިންޑިޔާގައި ދެ މިލިއަނަށްވުރެ ގިނަ މީހުން ފައްސިވެ 28،000 މީހުން ބަލި ޖެހިގެން މަރުވެފައިވެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގައި އިންޑިއާ އަށް ކޮވިޑުގެ ދެވަނަ ރާޅު އަރައި އެ ގައުމުގެ ސިއްހީ ހިދުމަތްދޭ ތަންތަން ފުރި ބާރުވިއެވެ. ކޮވިޑަށް ފައްސިވާ ފަރާތްތަކަށް ފަރުވާދިނުމަށް ސިއްހީ ހިދުމަތްތެރިން ރެއާއި ދުވާލު މެދުނުކެނޑި މަސައްކަތް ކުރަމުންދާއިރު އިންޑިއާގެ ބައެއް ސްޓޭޓްތައް މިހާރު ވަނީ ފުރަބަންދުކޮށްފައެވެ.

ފާއިތުވި ދުވަސްތަކުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ކުޑަކޮށް ދަށްވެފައި ވެއެވެ. ނަމަވެސް ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އެހާ ދަށް ނުވާކަން ފާހަގަ ކުރެވެއެވެ.

މިހާރު އިންޑިއާގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެ ގައުމުގެ ކޯރުތަކުން މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފެނުމެވެ. އިންޑިއާގެ މަޝްހޫރު ކޯރުތަކުންވެސް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފެންނަމުންދާއިރު އިތުރު ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށް ސަމާލުވުމަށް އެ ގައުމުގެ ސިއްހީ ތަޖުރިބާކާރުން ދަނީ އިލްތިމާސް ކުރަމުންނެވެ.