ޣައްޒާއަށް ތެޔޮ އެތެރެ ކުރެވެން އޮންނަ ހަމައެކަނި މަގު ވެސް އިސްރާއީލުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ބަންދުކޮށްފައި އޮތުމުން ޣައްޒާ އިން ތެޔޮ ހުސްވެ މިއަދު މުޅި ޣައްޒާއިން ކަރަންޓް ކެނޑޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޣައްޒާއަށް މުދޭ އެތެރެ ކުރެވެން އޮންނަނީ އިސްރާއީލްގެ ބާރުގެ ދަށުގައި އޮންނަ ކެރެމް ޝަލޮމް ބޯޑަރުންނެވެ. މިދިޔަ ހޯމަ ދުވަހު އިސްރާއީލުން އެބޯޑަރު ބަންދު ކުރުމުން ފާއިތުވި އެއްހަފްތާ ދުވަހުގެ ތެރޭގައި ޣައްޒާއަށް އެއްވެސް އެއްޗެއް އެތެރެ ކުރެވިފައެއް ނުވެއެވެ.

ޣައްޒާ އަށް ތެޔޮ އެތެރެ ކުރުން ކުރިން ވެސް އިސްރާއީލުން އޮންނަނީ ކޮންޓްރޯލް ކޮށްފައެވެ. އެހެންވެ އާއްމު ގޮތެއްގައި ޣައްޒާއަށް ކަރަންޓް ލިބެނީ އަށެއްކަ ގަޑިއިރުއެވެ. މިހާރު ޣައްޒާއަށް ކަރަންޓް ލިބެނީ ދެތިން ގަޑިއިރު އެވެ. އަދި ކޮންމެހެން ކަރަންޓް ބޭނުންނުވާ ތަންތަނުން މިހާރު ވެސް ވަނީ ކަރަންޓް ކަނޑާލާފައެވެ. އެއީ ކޮންމެހެން ކަރަންޓް ދޭން ޖެހޭ ހޮސްޕިޓަލްތައް ފަދަ ތަންތަނަށް ކަރަންޓް ފޯރުކޮށްދިނުމަށް ތެޔޮ ސަލާމަތް ކުރުމުގެ ބޭނުމުގައެވެ.

އިސްރާއީލުން ވެސް ވަނީ ޣައްޒާއިން ތެޔޮ ހުސްވަމުންދާކަން އެނގޭ ކަމަށް ބުނެފައެވެ. ތެޔޮ ހުސްވެ ޣައްޒާއިން ކަރަންޓް ކެނޑޭނެ ވަގުތު ކުޑަތަންވަމުން އަންނަ ކަމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ބުންޏެވެ. ނަމަވެސް ބޯޑަރު ހުޅުވާލާ، ޣައްޒާއަށް ތެޔޮ ފޯރުކޮށްދިނުމުގެ ވިސްނުމެއް އިސްރާއީލުން ނުގެންގުޅެއެވެ.

އިސްރާއީލުން ތަކުރާރުކޮށް ބުނަމުން ދަނީ އަދިވެސް ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ޣައްޒާގެ އިރުމަތިން އޮންނަނީ އިސްރާއީލެވެ. ހުޅަނގުން ކަނޑު އޮންނައިރު އުތުރުން އޮންނަނީ ފަލަސްތީންގެ އެހެން ސިޓީތަކެވެ. ފަލަސްތީންގެ އެހެން ސިޓީތަކާއި ޣައްޒާ ވަނީ އިސްރާއީލުން ބޮޑު ފާރެއް ރާނައިގެން ބަންދުކޮށްފައެވެ. ޣައްޒާގެ ދެކުނުގައި މިސްރު އޮތްނަމަވެސް މިސްރުގެ ވެރިކަމުގައި މުހައްމަދު މުރުސީ ވަޑައިގަތުމުގެ ކުރިންނާއި، އަދި އޭނާ ވެރިކަމުން ދުރުކުރިފަހުން ޣައްޒާ އާއި މިސްރުގެ ބޯޑަރު އޮންނަނީ ބަންދުކޮށްފައެވެ.

2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އޮންނަނީ ޣައްޒާ ހިސޯރުކޮށްފައެވެ. އެހެންކަމުން ޣައްޒާގެ ރައްޔިތުންނަށް އެންމެ އަސާސީ ޚިދުމަތްތައް ހޯދަން ވެސް ވަނީ ގިނަ ތަކުލީފުތަކެއް އުފުލަން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިހާ

    ހާދަދެރައޭ

    17
  2. އަހުމަދު

    ކޮބާ ތަ އދ ؟ ހަރުބީ ކާފިރެއްގެ އިނގިލި ކަަނޑައިގެން ދިޔަސް ހީވާނީ އެހެން ފަދަ ކަމެއްހެން ..... ދެން އިސްލާމް ދީނަށް ފުރައްސާރަ ކޮށް ކަށިހަރުވެގެން ހަމަ ތެޅޭނީ..

    7
    1