އިސްރާއިލުން ފަލަސްތީނުގެ މައްޗަށް ގަދަވެގަނެ، ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ އިންސާނިއްޔަތާ ދެކޮޅު ހަމަލާތަކާ ދެކޮޅަށް މަޝްހޫރު މޮޑެލް ބެލާ ހަދީދް ނުކުމެއްޖެއެވެ.

ނިއު ޔޯކް ސިޓީގައި އިސްރާއިލާ ދެކޮޅަށް ކުރި މުޒާހަރައިގެ ތެރެއިން ބެލާ ވަނީ ލައިވް ވީޑިއޯއެއް މީސް މީޑިއާއަށް ދޫކޮށްލައިފައެވެ. އެ ވީޑިއޯގައި ފަލަސްތީނު މިނިވަން ކުރުމަށް އަޑުހަރުކޮށް ގޮވާ އަޑު އިވިގެން ދެއެވެ.

އިސްރާއިލާއި ދެކޮޅަށް ގިނަ ބަޔަކު ތެދުވާތަން ބެލުމަށް އެމީހުންނަށް ކުޅަދާނައެއް ނުވިއެވެ. މީސް މީޑިއާ ޕްލެޓްފޯމް ތަކުގައި ގިނަ އަަދަދެއްގެ މީހުން އިސްރާއިލާއި ދެކޮޅަށް ތިބި އިރު، އޭގެ ތެރޭގައި މަޝްހޫރު ފަންނާނުންނާއި މޮޅު ލަވަކިޔުންތެރިންނާއި ކުޅިވަރުގެ ދާއިރާއިން މީހުން ހިމެނެއެވެ.

ބެލާ ހަދީދް ފަލަސްތީނާއި އެކު ތެދުވުމުން އިސްރާއިލަށް ވަނީ ސިހުމެއް ލިބިފައެވެ. އެއާއި އެކު އެގައުމުގެ ރަސްމީ ޓްވިޓާ ހޭންޑަލްއިން ބެލާ އިސްރާއިލާއި ދެކޮޅަށް ކުރި މުޒާހަރައިގައި ބައިވެރިވެ މީސް މީޑިއާގައި އާންމު ކުރި ލައިވް ވީޑިއޯގެ މަންޒަރެއް ޓްވީޓު ކޮށްފައިވެއެވެ. އެ މަންޒަރާއި އެކު ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ބެލާ ކަހަލަ މަޝްހޫރު މީހުން ޔަހޫދީން "މޫދަށް އުކަން" ގޮވާލުމަކީ ޔަހޫދީ ދައުލަތެއް ނައްތާލަން ތާއީދުކުރުން ކަމަށެވެ. އަދި މިއީ އިސްރާއިލާއި ފަލަސްތީނާއި ދެމެދުގައި އޮތް މައްސަލައެއް ނޫން ކަމަށާއި މިއީ އިންސާނިއްޔަތުކަމާ ގުޅުން ހުރި މައްސަލައެއް ކަމަށް ބުނެފައިވެއެވެ.

ބެލާ ބުނެފައިވަނީ އޭނާ އަސްލު ނިސްބަތް ވަނީ ފަލަސްތީނަށް ކަމަށެވެ. އޭނާގެ ބައްޕަ މުހައްމަދު ހަޑީޑް އަކީ ފަލަސްތީނު މީހެކެވެ. މުހައްމަދު އޭނާގެ އާއިލާއާ އެކު ދިރިއުޅެމުން ދިޔަ ގެ 1948 ވަނަ އަހަރު ޔަހޫދީން ފޭރިގަތުމުން ސީރިއާގައި ރެފިއުޖީ ކޭމްޕުގައި އުޅުނު ކަމަށް ބުނެފައިވެއެވެ.

ބެލާ އިންސްޓަގްރާމުގައި ބުނެފައިވަނީ އާއިލާ އާއި، ފަލަސްތީނުގެ ސަގާފަތާއި ތަރިކައަށް ލޯބިކުރާ ކަމަށެވެ. ފަލަސްތީނުގެ މީހުންނަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވުމަކީ ބެލާ އެދޭ ކަމެއް ކަމުގައި ބުނެފައިވެއެވެ.