ފަލަސްތީންގެ ޣައްޒާގައި ހުންނަ ކްލިނިކަކަށް އިސްރާއީލް ސިފައިންގެ ހަމަލާ އަމާޒުވެ، އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ބޮމުގެ ހަމަލާ ދިން ވަގުތު ކްލިނިކްގައި ތިބި ބައެއް މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ހަމަލާގެ ސަބަބުން ކްލިނިކްގެ ސްޓެރަލް ޕްރޮސެސިންގް ޑިޕާޓްމެންޓް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާއިރު ކްލިނިކްގެ ވެއިޓިންގް އޭރިއާއަށް ވެސް ވަނީ ގެއްލުން ވެފައެވެ.

"މިއީ ވަރަށް ދެރަ ކަމެއް. މިހާރު ވެސް އިސްރާއިލުން ދަނީ ޣައްޒާއަށް ހަމަލާ ދެމުން. މި ހަމަލާ ތަކުގެ ސަބަބުން އެތައް އިމާރާތްތަކެއް ބިމާ ހަމަވެ، ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެ" ކްލިނިކްގެ ކޯޑިނޭޓަރ، އައިމަން ޖަރޫޝާ ބުނެފައިވެއެވެ.

އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެތައް ބަޔަކު ޒަހަމް ވެފައިވެއެވެ. އާންމު ރައްޔިތުންގެ ތެރެއިން ޒަހަމް ވެފައި ތިބި މީހުންނަށް ފަރުވާ ދިނުމަށް ވަނީ ދަތި ކަމަކަށް ވެފައެވެ. ހޮސްޕިޓަލުތަކާއި، ކްލިނިކްތަކަށް އަދި ސުކޫލުތަކަށް އަމާޒުކޮށް އިސްރާއިލުން ހަމަލާ ދެމުން ދާތީ އިމާރާތްތައް ދޫކޮށް ނުކުންނަން ވަނީ މަޖުބޫރު ވެފައެވެ.

އިސްރާއީލްގެ އަަސްކަރީ ބޮން އަޅާ ބޯޓު ތަކުން ވަނީ ޣައްޒާ ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތައް ހިންގާ އިމާރާތްތަކަށް ވެސް ހަމަލާދީފައެވެ. އަލްޖަޒީރާ އާއި އެސޯސިއޭޓް ޕްރެސްއަށް ދިން ހަމަލާއަކީ ވެސް މިފައިދައިން އިމާރާތްތަކަށް ދިން ހަމަލާ އެކެވެ.

މިދިޔަ ބުދަ ދުވަހު އިސްރާއިލުން ދިން ހަމަލާއެއްގައި ޣައްޒާގައި ހުރި ހޮސްޕިޓަލަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. ރިޕޯޓުތައް ބުނާގޮތުން އިސްރާއިލުން ހަމަލާ ދީފައިވަނީ ހޮސްޕިޓަލް ކައިރި ސަރަހައްދަކަށެވެ.