އިންޑިއާ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު އެ ގައުމުގެ އިގްތިސާދަށް ދަނީ ކުރަމުންނެވެ. މިހާރު އިންޑިއާގައި ދިމާވެގެން އުޅޭ އެއް މައްސަލަ އަކީ ދަނޑުވެރިން ހައްދާ ދަނޑުގޮވާންތައް ނުވިކި އުކާލަންޖެހޭ ވާހަކައެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުން ފާއިތުވި ދެ އަހަރެއްހާ ދުވަހު ވެސް އިންޑިއާގެ ދަނޑުވެރިންނަށް ކުރިމަތިލާންޖެހުނު އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުތަކުން ހައްދާ ތަކެތި ވިއްކާނެ ގޮތެއް ނުވެ އޮއްވާ އެތަކެތި އުކާލަން ޖެހޭ މައްސަލައެވެ.

ގިނަ ޢަދަދެއްގެ ދަނޑުވެރިންގެ އިންޓަވިއުތައް ނަގައިގެން އިންޑިއާގެ ނޫހަކުން ލިޔެފައިވާ ހަބަރެއްގައި ބުނީ ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ދަނޑުވެރިންނަށް މިހާރު ނުލިބޭ ކަމަށާއި ދަނޑުވެރިން ހައްދާ ތަކެތި ނުއަގުގައި ވިއްކަން މަޖުބޫރުވެފައިވާ ކަމަށެވެ.

ގޮވާންތައް ކަނޑައި ވިއްކަން ބަލާއިރު އެތަކެތި މީހުން ދިރިއުޅޭ ހިސާބުތަކަށް ގެންދަން ބޮޑު ހަރަދެއް ދާކަމަށް ދަނޑުވެރިން ފާހަގަ ކުރެއެވެ. އަދި އެކަމަށް ސަރުކާރުންވެސް އެހީއެއް ނުވާތީ ނުއަގުގައި ވިއްކައިގެންވެސް ދެކޮޅު ނުޖެހޭ ކަމަށް ދަނޑުވެރިން ބުނެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ދަނޑުވެރިން ކަން ކުރާގޮތަށް އިންޑިއާގައި ވެސް އެކި ދަނޑުވެރިން ހައްދަނީ އެކި ބާވަތުގެ ތަރުކާރީ އާއި މޭވާއެވެ. އެއީ ހުރިހާ ފަރާތްތަކަށްވެސް ގެއްލުމެއް ނުވާނެ ގޮތަކަށެވެ. މިގޮތަށް ކަންތައް ކުރިކަމުގައި ވިޔަސް އާމްދަނީ ހޯދުމަށް ދަނޑުވެރިކަން މިހާރު އެންމެ ރަނގަޅު ނޫންކަމަށް ބައެއް ދަނޑުވެރިން ބުނެއެވެ.

ފާއިތުވި ދުވަސްތަކުގައި ބައެއް ދަނޑުވެރިން ކޯރުތަކަށާއި ހުސްބިންތަކަށް ޓޮމާޓޯ އާއި އެހެނިހެން ތަރުކާރީގެ ބާވަތްތައް އަޅާތަނުގެ އެތައް ވީޑިއޯއެއް އާންމުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯކިބާ

    ދެން ބުނާނީ މިބަލިމަޑުކަމުގެތެރޭވެސް އިންޑިއާއިން ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖެއަށް ހުއްޓުމެއްނެތި އެތެރެކުރެވޭނެގޮތް ހަދާދިނޭ، ކިހާ ރަނގަޅު.

    10
    2
  2. މާރިޔާ

    މިފަހަރު ދިވެހި ގައުމު ބަނޑައް ނުޖެހުނިއްޔާ ރަނގަޅު.

    4
    15