ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން 115 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

އީދު ބަންދާ ދިމާކޮށް ޔޫއޭއީ އަށް މަސްތުވާތަކެތި އެތެރެކޮށްފާނެތީ އެ ގައުމުގެ ފުލުހުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

ޔޫއޭއީ ގެ ޕޮލިސް އެންޓި ނާކޮޓިކްސް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ހަތް މީހުން ހައްޔަރުކޮށްފައި ވަނީ ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށެވެ. ފުލުހުން ބުނާގޮތުގައި ހައްޔަރުކުރި މީހުންގެ އަތުން ޖުމްލަ 115.27 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އޭގެތެރޭގައި 51،790 ބޭސްގުޅަވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި އޭޝިއާގެ އެކި ގައުމުތަކަށް އުފަން މީހުން ހިމެނެއެވެ.

ޕޮލިސް އެންޓި ނާކޮޓިކްސް ޑިޕާޓްމެންޓުގެ ޑިރެކްޓަރު ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހުން ހީކޮށްގެން ތިބީ އީދު ބަންދުވީމަ ފުލުހުން ސަމާލުކަމެއް ނުނޭނެ ކަމަށެވެ. ނަމަވެސް އެމީހުންގެ އިންތިޒާރުގައި ފުލުހުން ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ތިބިކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހަތް މީހުން ޔޫއޭއީ އިން ހައްޔަރުކުރި އިރު އެ ގައުމުގެ ސަރުކާރުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ހަމަކޮށްގެން ފަސޭހަކަމާއެކު އެ ގައުމަށް ކޮންމެ މީހަކަށްވެސް ދެވޭނެ ކަމަށް ބުނެފައެވެ. އަދި އެ ގައުމުން ދަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައްވެސް ލުއިކުރަމުންނެވެ.