އިސްރާއިލުން ދިން ހަމަލާއެއްގައި ޣައްޒާގެ އިތުރު އާއިލާއެއް ޝަހީދު ވެއްޖެއެވެ.

ގުދްސް ނިއުސް ނެޓްވޯކުން ރިޕޯޓު ކޮށްފައިވާ ގޮތުން ޣައްޒާއަށް އިސްރާއިލުން ދިން މިސައިލް ހަމަލާއެއްގައި ޝަހީދުވެފައިވަނީ ފައްވާޒް އަލް-ކޮލާކް އާއި އޭނާގެ ތިން ދަރިން ކަމަށްވާ ހަދީލް އާއި އަބްދުލް ހަމީދު އަދި ސަމީހުއެވެ.

ގުދުސް ނިއުސް ނެޓްވޯކުން ޓްވިޓާގައި ހިއްސާ ކޮށްފައިވާ އެ އާއިލާގެ ފޮޓޯއިން ފެނިގެން ދަނީ ޒުވާން ތިން ކުދިންނާއި އެކުދިންގެ ބައްޕައެވެ. އިސްރާއިލުގެ ހަމަލާތަކުން ޣައްޒާގައި ޝަހީދުވަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ފަލަސްތީނުގެ ނޫސްވެރިން ރިޕޯޓު ކޮށްފައިވާ ގޮތުން، އިސްރާއިލުން މިހާރު ހަމަލާ ދެމުން އަންނަނީ ޣައްޒާ ރައްޔިތުންގެ ކާރުތަކަށާއި، ގެދޮރުތަކަށް، ހޮސްޕިޓަލު ތަކަށާއި، ސުކޫލުތަކަށެވެ. މި މަހުގެ 10 ވަނަ ދުވަހުން ފެށުގެން ހުއްޓުމެއް ނެތި އިސްރާއިލުގެ އިސްތިއުމާރީ ސިފައިން ދަނީ ޣައްޒާއަށް ހަމަލާ ދެމުންނެވެ.

ސަރުކާރުގެ އޮފިސްތަކާއި، މިނިސްޓްރީ ތަކާއި، ނޫސް އެޖެންސީ ތަކުގެ އިމާރާތްތަކަށް އަމާޒުކޮށް އިސްރާއިލުން ދިން ހަމަލާތަކުގައި އިމާރާތްތަކަށް ބޮޑަތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އިއްޔެ ރޭ ޣައްޒާއަށް އިސްރާއިލުން ވަނީ ބޮން އަޅާ އަސްކަރީ ބޯޓުތަކުގައި ޣައްޒާއަށް ހަމަލާތަކެއް ދީފައެވެ. ޣައްޒާގެ ނޫސްވެރިއެއް ބުނެފައިވަނީ އިއްޔެ ރޭ ޣައްޒާއަށް 5 މިނެޓު ތެރޭގައި އިސްރާއިލުން 60 މިސައިލް ހަމަލާ ފޮނުވާފައިވާ ކަމަށެވެ. މި ހަމަލާ ތަކުގައި އެތައް ބަޔަކު ޝަހީދުވެފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާރު 200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެތެރޭގައި 61 ކުޑަކުއްޖަކު ހިމެނެއެވެ. އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް ކުދިންނެއް ޝަހީދުވެ، އެތައް ކުދިންނެއް ޔަތީމު ވަމުން ދާއިރު ވެސް ހަމަލާތައް ހުއްޓުވުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް އެއްވެސް މަސައްކަތެއް ނުކުރެއެވެ.