އިސްރާއީލް ސިފައިން ބައިގަޑިއިރެއްހާ އިރު ތެރޭގައި ފަލަސްތީންގެ ޣައްޒާއަށް 122 ބޮމުގެ ހަމަލާދީފިއެވެ.

ރޭ 10 ޖެހި އިރު ދޭން ފެށި ހަމަލާތައް އަމާޒު ކޮށްފައިވަނީ ޣައްޒާގައި ހުރި ހަމާސް ޖަމާއަތުގެ ބިންގަރާސް ތަކަށް ކަމަށް އިސްރާއިލުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިސްރާއިލް ސިފައިންްގެ ތަރުޖަމާނު ޒިލްބާމަން ބުނެފައިވަނީ ހަމާސް ޖަމާއަތަށް އަމާޒުކޮށް ރޭ ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ. އޭނާ ބުނެފައިވަނީ 25 މިނެޓު ތެރޭގައި 122 ބޮމުގެ ހަމަލާ ދީފައިވަނީ އިސްރާއިލް އަސްކަރީ ބޮން އަޅާ ބޯޓުތައް މެދުވެރިކޮށް 40 ދިމާލަކަށް އަމާޒުކޮށްގެން ކަމަށެވެ. އިސްރާއީލްގެ ހަމަލާތައް އަމާޒު ކޮށްފައިވާ ތަންތަނުގެ ތެރޭގައި ޣައްޒާގެ ހަތިޔާރު ގުދަނާއި، ކޮމާންޑް ސެންޓަރު ހިމެނެއެވެ.

އިސްރާއިލުން ރިޕޯޓު ކޮށްފައިވާ ގޮތުން ހަމާސް ޖަމާއަތާއި، ޣައްޒާގެ އާންމު ރައްޔިތުން ހިމެނޭހެން 10 މީހުން ޝަހީދުވެފައިވެއެވެ.

ޣައްޒާގައި ހަރަކާތްތެރިވަމުންދާ ނޫސްވެރިޔަކު ރިޕޯޓު ކޮށްފައިވާ ގޮތުން ރޭ އިސްރާއިލުން ދިން ވަރުގަދަ ހަމަލާ ތަކުގެ ސަބަބުން ޣައްޒާގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ. ރޭގެ ހަަމަލާތަކުގެ ސަބަބުން ފަތިހު 4 ޖެހުމާއި ހަމައަށް ފަލަސްތީނުގެ 3 މީހުން ޝަހީދުވެފައިވާ ކަމަށް އެ ނޫސްވެރިޔާ މައުލޫމާތު ދީފައިވެއެވެ.

މިހާތަނަށް ހަމަލާ ތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 220 އަށް ވުރެ އިތުުރުވެފައިވެއެވެ. އޭގެ ތެރޭގައި 63 ކުޑަކުދިން ހިމެނެއެވެ. ރިޕޯޓުތައް ބުނާގޮތުން ހަމަލާތަކުގެ ސަބަބުން ޒަހަމްވި މީހުންގެ އަދަދު 1،500 އަށް ވުރެ އިތުރުވެދާނެއެވެ.