އިސްރާއިލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާ ތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ގެދޮރުތަށް އަލުން އިމާރާތް ކުރުމަށް މިސްރުން 500 މިލިއަން ޑޮލަރުގެ އެހީއެއް ޣައްޒާއަށް ދޭން ނިންމައިފިއެވެ.

މިސްރުން މި އެހީ ދޭން ނިންމާފައިވަނީ ފަލަސްތީނަށް އިސްރާއިލުން ދޭ ހަމަލާ ތަކުގައި ޒަހަމްވާ މީހުންނަށް މިސްރުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ ދަނޑިވަޅެއްގައެވެ. މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލީ ސީސީ ވިދާޅުވީ، ފަލަސްތީނަށް ލިބިފައިވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުން ތަކެއް ކަމަށާއި، ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުން ވަމުން އަންނަ ޣައްޒާ އަލުން އާރާސްތުކުރުމަށް މިސްރުން އެހީވާން ތައްޔާރަށް ތިބި ކަމަށެވެ.

އެތައް ހަރަދެއްކޮށް، އެތައް މަސައްކަތަކުން އިމާރާތް ކޮށްފައިވާ ތަންތަން ސުންނާފަތި ކޮށްލަނީ އިސްރާއީލުގެ މިސައިލް ހަމަލާތައް އަމާޒުކޮށް މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ. މީގެ ސަބަބުން ފަލަސްތީނުގެ 52،000 އަށް ވުރެ ގިނަ މީހުން މަގުމަތިވެފައިވާއިރު، 47،000 މީހުންނަށް ވަނީ އދ.އިން ހިންގާ 58 ސްކޫލަކުން ހިމާޔަތް ހޯދާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އިސްރާއީލުގެ ރޮކެޓް ހަމަލާތައް އަމާޒު ނުވާނެ ކަމަށް ފެންނަ "ފަޅު" އިމާރާތްތަކުގައި ވެސް އެތައް އާއިލާތަކެއް އުޅެމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މިސްރުގެ ރައީސް ވިދާޅުވީ، ގެދޮރު އިމާރާތް ކުރުމަށް މިސްރުން ދޭން ނިންމާފައިވާ 500 މިލިއަން ޑޮލަރުގެ އިތުރުން މަސައްކަތް ކުރުމުގައި މިސްރުގެ ކުންފުނި ތަކުގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި އެކަނި ވެސް އިސްރާއިލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 200 އަށްވުރެން ގިނަ މީހުން ޝަހީދުވެފައިވާއިރު، 1،500 އަށްވުރެން ގިނަ މީހުންނަށް ވަކި އެކި ކަހަލަ ޒަހަމްތަކެއް ލިބިފައެވެ.

ހަމަލާތަކުގައި ޒަހަމްވެފައިވާ ގިނަ އަދަދެއްގެ މީހުން ތިބިއިރު، ޢައްޒާގެ ހޮސްޕިޓަލުތައް މިހާރު ވަނީ ފުރިފައެވެ. ހޮސްޕިޓަލުތަކަށް އަމާޒުކޮށް އިސްރާއިލުން ހަމަލާ ދިނުމުގެ ސަބަބުން ބައެއް ތަންތަނަށް ގެއްލުން ވެފައިވާއިރު، ފަރުވާ ދިނުމަށް ބޭނުންކުރާ ސިރިންޖު ފަދަ ތަކެތީގެ ދަތިކަން މިހާރު ވަނީ ކުރިމަތިވެފައެވެ. އެހެން ކަމުން މިސްރުން ވަނީ 60 ޓަނުގެ ސިއްހީ އާލަތްތައް ވެސް ޢައްޒާއަށް ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔްމް

    ތޭންކްސް

    10
    1
  2. އަންނި

    ސީސީއަށް ސެލިއުޓް ކުރަން 3>

  3. ޠަންޑާ

    ސީސީއަކީ އެމެރިކާގެ މިތުރެއް. ފަލަސްތީނު ރައްޔިތުން މަރަމުންދާއިރު ސީސީ ކޮބާ؟