ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާއަށް އެއްވެސް ގައުމަކުން މީހުން އެތެރެވުން މަނާކޮށްފިއެވެ.

ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއަރމަން އުޕުލް ދަރްމަދަސާ ބުނެފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ދަންވަރުން ފެށިގެން 31 ވަނަ ދުވަހުގެ ދަންވަރާއި ހަމައަށް އެއްވެސް ގައުމަކުން އަންނަ ބަޔަކަށް އެގައުމަށް އެތެރެ ނުވެވޭނެ ކަމަށެވެ.

ލަންކާއިން އެފަދަ ފިޔަވަޅެއް އަޅާފައިވަނީ ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެއްވެސް ގައުމެއްގެ ބަޔަކަށް ލަންކާއަށް އެތެރެ ނުވެވޭނެ ގޮތަށް ނިންމާފައިވާއިރު، މީގެ ކުރިން އެގައުމުން ވަނީ އެގައުމަށް ދާ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް އުސޫލުތައް ބަދަލު ކޮށްފައެވެ. އެހެން ކަމުން މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން އެގައުމަށް ދަތުރު ކުރާ ފަރާތްތަކުން ކަރަންޓީނުވާން ޖެހޭނެވެ.

ސްރީލަންކާއިން މިހާތަނަށް 147،720 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 2،518 މީހަކީ ފާއިތުވި 24 ގަޑިއިރު އެގައުމުން ފައްސިވެފައިވާ މީހުންނެވެ. އަދި މި ބަލީގައި އިތުރު 34 މީހަކު މަރުވެ، ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 1،015 އަށް އަރާފައެވެ.

އެގައުމުން މިބަލީގައި 121،145 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު ފަރުވާ ދެމުން އަންނަނީ 25،560 މީހަކަށެވެ.

ލަންކާއަކީ ކޮވިޑް-19 ފެތުރެން ފެށުމާއި އެކީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅައި ކޮންމެވެސް ވަރަކަށް ބަލި ކޮންޓްރޯލް ކުރެވެމުން ފިޔަވަޅުތަކަށް ލުއި ދީފައިވާ އެއް ގައުމު ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ލާލް ސިންގް

  ޢަހަރުމެން ނޫޅެންލަންކާ އައް އަރާކައް، ދިވެހިން ނެއް ނޫޅެ މޮޔަވެގެން ނެއް ، ލަންކާސުޕުން ރާއްޖޭގަ ހުންނަ ހިއްވިޔަސް

  9
  14
 2. ދޮނާ

  ތިޔަހެން މި ރާއްޖެއިންވެސް ހަދައިފިނަމަ ކިހާ ރަނގަޅު. މި ބަލިމަޑުކަމުން އަރައިގަތުމަށް ފަސޭހަވާނެ

 3. ރައްޔިތުން

  ސަޅި. ރާއްޖެ މީ އިންޑިޔާ ގެ އަޅެއް