އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ހުރި 100 އަހަރަށް ވުރެ ގިނަ ދުވަސްވީ މިސްކިތެއް އެ ސްޓޭޓުގެ ޑިސްޓްރިކްޓު ސަރުކާރަކުން ތަޅާލައިފިއެވެ.

އުއްތަރަ ޕްރަދޭޝްގެ ބަރަބަންކީ ޑިސްޓްރިކްޓުގައި ހުރި މަސްޖިދު ގަރީބު ނަވާޒު އަލް މަރޫފް ތަޅާލައިފައި ވަނ ީޑިސްޓްރިކްޓު ސަރުކާރުގެ އަމުރަށް . ފުލުހުންނާއި ސަލާމަތީ ބާރުތަކުން ގޮސް އެ ސަރަހައްދުން މީހުން ދުރު ކުުރުމަށް ފަހު ކަމަށް ރިޕޯޓުތައް ބުނެއެެވެ.

އެގޮތުން 100 ވަރަކަށް ސަފައިންނާއި ފުލުހުން އައިސް މިސްކިތާ އެއް މޭލަށް ވުރެ ކައިރިއަށް އާއްމުންނަށް ނުދެވޭ ގޮތް ހެދި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިސްކިތް ތަޅާލުމަށް ފަހު މިސްކިތުގެ ބައިތައް އެ ސަރަހައްދުގައި އޮންނަ ކޯރަކަށް އެޅި ކަމަށް ވެސް ބުނެއެވެ.

އެ މިސްކިތުގެ ކޮމިޓީގައި ހިމެނޭ އިމާމެއް ކަމަށްވާ މައުލާނާ އަބްދުލް މުސްތަފާ ވިދާޅުވީ އެ މިސްކިތަކީ ސަތޭކަ އަހަރުވީ އަދި އެތައް ހާސް މީހުން ކޮންމެ ދުވަހަކު ނަމާދު ކުރަމުން ދިޔަ މިސްކިތެކެވެ. މިސްކިތް ތަޅާލުމާ ދެކޮޅަށް ފާޅުގައި ނުކުމެ މުޒާހަރާ ކުރަން ނުކެރުނީ ސިފައިން ދެކެ ބިރުން ކަމަށް ބުނެފައިވެއެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ މުސްލިމުން ވެސް ފުލުހުން ދެކެ ބިރުގަނެ، ޖެހިލުންވާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ބަރަބަންކީ ޑިސްޓްރިކްޓު މެޖިސްޓްރޭޓް ބުނީ އެ ސަރަހައްދުގައި މިސްކިތެއް ހުންނަކަން ނޭނގޭ ކަމަށެވެ. އެނގިފައިވަނީ ގަވާއިދާ ހިލާފަ އިމާރާތް ކޮށްފައިހުރި ތަނެއް ހުރިކަން ކަމަށާއި، އެކަމަށް ފިޔަވަޅު އަޅާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން މިދިޔަ މާޗް މަހު މިސްކިތް ތަޅާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ. އަދި ފަހުން މިސްކިތަށް ވަނުން މަނާކޮށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިކަމަށް ބުނެފައިވެއެވެ.