އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ މާމަ ދަރިކަލުން އަދި އިނގިރޭސި ތަހުތާއި ހަވާލުވާ ބޭފުޅުންގެ ދެ ވަނަ، ޕްރިންސް ވިލިއަމް ކޮވިޑްގެ ފުރަތަމަ ޑޮޒް ޖައްސަވައިފިއެވެ.

އުމުރުފުޅުން 38 އަހަރުގެ ޕްރިންސް ވިލިއަމް ކޮވިޑްގެ ފުރަތަމަ ޑޯޒް ޖެއްސެވީ ލަންޑަނުގެ ސައިންސް މިއުޒިޔަމްގައި ހުންނަވައިގެންނެވެ.

ޕްރިންސް ވިލިއަމް ކޮވިޑްގެ ފުރަތަމަ ޑޯޒް ޖައްސަވާ އެކަން ޓުވިޓާ މެދުވެރިކޮށް ވަނީ އާންމުކުރައްވައިފައެވެ.

ފާއިތުވި އަހަރުގެ އޭޕްރީލް މަހު ޕްރިންސް ވިލިއަމް އަށް ވަނީ ކޮވިޑް ޖެހިވަޑައިގެންފައެވެ. އަދި ޕްރިންސް ޗާލްސް އަށް ވެސް އެ ދުވަސްކޮޅު ކޮވިޑް ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް ޗާލްސް ހުންނެވީ ފާއިތުވި ނޮވެމްބަރު މަހާ ހަމައަށް އެކަން ސިއްރު ކުރައްވައިގެންނެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ޕްރިންސް ޗާލްސް އަށް ކޮވިޑް ޖެހިވަޑައިގެންނެވުމުން އެކަން ސިއްރުކުރެއްވީ ބަލީގެ ނުރައްކާތެރިކަމުގެ ސަބަބުންނެވެ.

ޝާހީ އާއިލާގެ އިސް ބޭފުޅުން ކޮވިޑް ވެކްސިން ޖައްސަވާފައިވާކަން އެފަރާތްތަކުން ވަނީ ހާމަކުރައްވާފައެވެ. އެ ބޭފުޅުންގެ ތެރޭގައި އިނގިރޭސި ރާނީ އެލިޒަބަތް ދޭ 95، ވެސް ހިމެނިވަޑައިގަންނަވައެވެ.

އިންގިރޭސިވިލާތުން ކޮވިޑަށް ވެކްސިން ޖެހި މީހުންގެ އަދަދު 37 މިލިއަނަށް އަރާފައިވާއިރު ދުނިޔެއިން އެންމެ އެންމެ ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖެހި ގައުމަށް އެ ގައުމުގެ ރައްޔިތުން ވާނެއެވެ.

ކޮވިޑަކީ 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބެއި ޕްރޮވިންސުގެ މަސް މާރުކޭޓަކުން ފުރަތަމަ ފެނުނު ވައިރަހެކެވެ.