ކޮވިޑް-19 ހާލަތު އެންމެ ގޯސްވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ބުރެޒިލްގައި އެ ބަލީގައި ކުޑަކުދިން މަރުވާ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ބްރެޒިލްއަކީ ރެކޯޑް އަދަދަކަށް ކޮވިޑަށް ފައްސިވާ މީހުންނާއި ވައިރަސްގެ ސަބަބުން މަރުވާ މީހުން ގިނަ ގައުމެކެވެ.

މިހާރު ބްރެޒިލްގައި ކުރިމަތިވެފައިވާ އެންމެ ހިތްދަތި ކަމަކީ މި ވައިރަހުގެ ސަބަބުން މަރުވާ ކުޑަކުދިންގެ އަދަދު އިތުރުވުމެވެ. މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ އަހަރު އެ ގައުމުގެ ފެނުނު ފުރަތަމަ ކޮވިޑް ވޭދަނައިން ފެށިގެން މިހާތަނަށް 832 ކުޑަކުދިން މަރުވެފައިވެއެވެ. މި ހުރިހާ ކުދިންނަކީ ވެސް ފަސް އަހަރުން ދަށުގެ ކުދިންނެވެ.

މިކަމާއި ގުޅިގެން ބްރެޒިލްގެ ޑޮކްޓަރ ފާތިމާ މޮރީނޯ ވިދާޅުވެފައި ވަނީ ކޮވިޑުގެ އެންމެ ބޮޑު އަސަރެއް މިހާރު ކުޑަކުދިންނަށް ވެސް ކުރަމުންދާ ކަމަށެވެ. އަދި 832 ކުޑަކުދިން މި ވައިރަހުގައި މަރުވެގެން ދިޔުމަކީ ބޮޑު އަދަދެއް ކަމަށާއި ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ވައިރަހުގެ ސަބަބުން މިވަރަށް ކުޑަކުދިން މަރުވެފައިނުވާ ކަމަށް ވެސް ޑޮކްޓަރ ފާތިމާ މޮރީނޯ ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރ ސިއާން އޯ ލިއަރީ ވިދާޅުވީ، އެ އަދަދަކީ ގަބޫލު ކުރަން ވެސް ދަތި އަދަދެއް ކަމަށާއި އެމެރިކާގައި ވެސް އެވަރަށް ވައިރަހުގެ ސަބަބުން ކުޑަކުދިން މަރުވެފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން ސައިންޓިސްޓުން ވިދާޅުވެފައި ވަނީ މިއީ ކޮވިޑްގެ އާ ވައްތަރެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ. މި ބާވަތް ބޮޑަށް ފެންނަނީ މާބަނޑު އަންހެނުންގެ ހަށިގަނޑުން ކަމަށެވެ. ނަމަވެސް މިއީ ޔަގީނުން ބުނަން އަދި ނޭނގޭ ކަމެއް ކަމަށް ވެސް ޑޮކްޓަރ ސިއާން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    މި ދިވެހި ގައުމުގެ ވެރިންނަކައް ނުވާނެ ތިޔަ ބޮޑު ކަމަކައް، ލޮކުޑައުން ނުކޮއް ހިފެހެއްޓޭތޯ މިހާރުވެސް އެމަސައްކަތް ކުރަނީ މަރުވާނެ ބަޔަކު މަރުވަން ދޫކޮއްފަ.