އިސްރާއީލުން ޣައްޒާގެ ކައިރި އަވަށްޓެރި ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

އަލްއަރަބިއާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއީލުން މި ހަމަލާ ދީފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެހެންނަމަވެސް ހަމަލާ ދީފައިވަނީ ކޮންކޮން ސަރަހައްދުތަކަށް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

އެގޮތުން މި ހަމަލާގައި 5 އާއިލާއެއް ދިރިއުޅެމުން އަންނަ ގެތަކެއް ސުންނާފަތި ވެފައިވާއިރު، ބަޔަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އިސްރާއީލުން ޣައްޒާގެ ކައިރި ސަރަހައްދުތަކަށް ހަމަލާ ދީފައިވަނީ އެގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަމަށް ހިތްވަރުދީ ވާހަކަ ދައްކާފައިވާ ދަނޑިވަޅަކާއި ދިމާކޮށެވެ. އެގޮތުން އޭނާ ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭނެ ކަމަށާއި އެ ހަމަލާތަކަކީ ޕަލަސްތީނުގެ ހަމާސް ޖަމާއަތް މައިތިރި ކުރުމަށް ދޭ ހަމަލާތައް ކަމަށެވެ.

އެހެން ނަމަވެސް މި ހަމަލާތަކުގައި ކުށެއް ނެތް މައުސޫމް އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަމަލާ ބަދަލުކުރުންތަކުގައި 64 ކުޑަކުދިން ހިމެނޭހެން 227 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ހަމާސް އިން ފޮނުވާފައިވާ ހަމަލާތަކުގައި އިސްރާއީލްގެ 12 މީހަކު ވަނީ މަރުވެފައެވެ.

ހަމާސް ޖަމާއަތުން އިސްރާއީލުން ގިނަ ރޮކެޓް ހަމަލާތަކެއް ދިން ނަމަވެސް، އެގައުމުން ބުނެފައިވަނީ 90 އިންސައްތަ ރޮކެޓްތައް ނާކާމިޔާބު ވެފައިވާ ކަމަށެވެ.

އިސްރާއީލުން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އެގައުމުގެ އިންޓެލިޖެންސް މިނިސްޓަރ އެލީ ކޮހެން ބުނެފައިވަނީ އެގައުމަށް ކިތަންމެ ޕްރެޝަރެއް އައިކަމުގައި ވިއަސް ހަމަލާތައް ހުއްޓާލާނީ އެމީހުންގެ މަގުސަދު ހާސިލު ވުމުން ކަމަށެވެ.