އިންޑިޔާގެ %50 މީހުން އަދިވެސް މާސްކު ނާޅާ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

އިންޑިޔާގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި އެޤައުމުގެ 50 އިންސައްތަ މީހުން މާސްކު ނާޅައެވެ. މާސްކް އަޅާ މީހުންގެ ތެރެއިން 64 އިންސައްތަ މީހުންނަކީ މާސްކު އެޅި ކަމުގައި ވިޔަސް ނޭފަތް ނުފޮރުވައި މާސްކު އަޅާ މީހުންނެވެ.

ކޮވިޑުގެ ދެވަނަ ރާޅު އިންޑިޔާއަށް އަރައި ކޮންމެ ދުވަހަކުވެސް ލައްކައިން މައްޗަށް މީހުން ފައްސިވާއިރު އެޤައުމުގައި މާސްކު ނާޅާ މީހުންނާއި ގައިދުރުކަން އިސްނުކުރާ މީހުންގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ މެދުތެރޭގައި އިންޑިޔާގައި ކޮވިޑްގެ ނުރައްކާ އިންތިހާއަށް އުފުލި ފައްސިވާ މީހުންގެ ޢަދަދު ކޮންޓްރޯލުން ނެއްޓި އެވެ. ފާއިތު 12 ހަފްތާތެރޭގައި ކޮވިޑަށް ފައްސިވާ މީހުންގެ ޢަދަދު އެވްރޭޖުކޮށް 2.3 ފަހަރު މައްޗަށް އުފުލުނެވެ.

އާޕްނާމާސްކް އިން މިހިނގާ މެއި މަހު ހެދި ދިރާސާއަކުން ދައްކާގޮތުން އިންޑިޔާގެ 90 އިންސައްތަ މީހުންނަށް އެޤައުމުގެ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އެނގެ އެވެ. ނަމަވެސް މާސްކު އަޅައިގެން އިންޑިޔާގައި އުޅެނީ 44 އިންސައްތަ މީހުންނެވެ.

މޭއި މަހު އިންޑިޔާގައި ހެދި ދިރާސާ ދައްކާގޮތުގައި އެޤައުމުގެ 45 އިންސައްތަ މީހުން ގަބޫލުކުރާގޮތުގައި ގައިދުރުކަން ބެހެއްޓުމުން މާސްކު އެޅުމުގެ ބޭނުމެއް ނޯވެ އެވެ.

އިންޑިޔާގައި މިހާރު ފެތުރިފައިވާ ކޮވިޑް-19 ގެ އާ ވައްތަރަކީ ކުރިން އެޤައުމުގައި ފެތުރިފައި އޮތް ކޮވިޑުގެ ވައްތަރަށްވުރެ ނުރައްކާބޮޑު ވައްތަރެކެވެ. ކޮވިޑުގެ ދެވަނަ ރާޅު އިންޑިޔާއަށް އަރައި އެޤައުމުން އާ ވައްތަރުގެ ވައިރަސް އެހެން ޤައުމުތަކަށްވެސް ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    ރައްޖޭގަ ވެސް ފިހާރަ ގޮޅި ފަދަ ތަންތަނުގަ އުލޭ ގިނަ ބިދޭސީން ނޭފަތް ނުފޮރުވާ މާސްކް އަޅަ އެވެ.