މީގެ ކުރިން މީސްމީޑިއާގައި އެންމެ ހަލުވި ކަމާއި ދެކެވެމުން އައި އެއް ވާހަކައަކީ ކޮވިޑް-19ގެ ތިން ވަނަ ރާޅާއި އެކީ އަވަށްޓެރި އިންޑިއާގެ ހާލަތު ގޯސްވެފައިވާ ވާހަކައެވެ. ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، އޮކްސިޖަން ހުސްވެފައިވާ ވާހަކައެވެ.

ކޮވިޑް-19ގެ ސަބަބުން މިފަދަ ހާލަތަށް އިންޑިއާ ވެއްޓުނުއިރު، އިތުރު ގައުމެއް މިފަދަ ހާލަތަށް ވެއްޓިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އެއީ ބައެއް ގައުމުތަކަކީ ސިއްހީ ނިޒާމު ރަނގަޅު ގައުމުތަކަށް ވާތީއެވެ.

އެހެން ނަމަވެސް މިހާރު ފެނިގެން މިއަންނަނީ ނޭޕާލް ވެސް އިންޑިއާގެ ހާލަތަށް ވެއްޓެންދާ މަންޒަރެވެ.

ނޭޕާލްގެ ސުކްރަރަޖް ޓްރޮޕިކަލް އެންޑް އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލަކީ އެއީ ކަތަމަންޑޫގައި ހުންނަ އެގައުމުގެ މައި ހޮސްޕިޓަލެވެ. ކޮވިޑް-19ގެ ސަބަބުން ހޮސްޕިޓަލަށް ބާރު ބޯޑުވެ، ދެ ބަލި މީހުން އެއް އެނދެއްގައި ތިބޭ ހާލަތަށް މިހާރު ވަނީ ވެއްޓިފައެވެ.

މި ހާލަތަށް އެގައުމު ވެއްޓިފައިވަނީ ކޮވިޑް-19ގެ ދެވަނަ ރާޅެއް އެގައުމަށް އެރުމާއި ގުޅިގެންނެވެ.

އެގައުމުގައި މަސައްކަތް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންނާއި ޑޮކްޓަރުން ވަނީ ކުރިއަށް އޮތް ދުވަސްތަކަކީ އެގައުމަށް 'އަނދިރި' ދުވަސްތަކެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އެއީ އެނދުތަކާއި އޮކްސިޖަނުގެ ދަތިކަން ކުރިމަތިވަމުން އަންނާތީއެވެ.

"އަޅުގަނޑުމެން މި އަންނަނީ ބަލި މީހުންނަށް ހޮސްޕިޓަލުގެ ކޮންމެ ކަނެއްގައި ފަރުވާ ދެމުން. އެވަރުން ނުވެގެން ގަރާޖުގައި ވެސް ބަލި މީހުން އެނދުމަތި ކޮށްގެން ފަރުވާ އެބަދެން" އެގައުމުގެ ނަރުހަކު ބުންޏެވެ.

އޭނާ ބުނީ، ބަލި ވެގެން އަންނަ އެއްވެސް މީހަކު އަނބުރާ ނުފޮނުވާ ކަމަށާއި ކުރެވެން އޮތް ގޮތަކަށް ޖާގަ ހޯދައިގެން އެބަލި މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެހޮސްޕިޓަލުގައި މިހާރުވެސް 120 ކޮވިޑް-19 ބަލި މީހުން ތިބިއިރު، އެމީހުންނަށް ފަރުވާ ދެމުން އަންނަނީ 104 އެނދުގައެވެ. އެއީ އައިސީޔޫގައި ހުރި 24 އެނދު ލައިގެންނެވެ.

ނޭޕާލުގައި ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެން ފަށާފައިވަނީ އޭޕްރިލް މަހުން ފަށައިގެންނެވެ. އެގޮތުން 2،000 ވޭދަނައިން ފެށިގެން އެގައުމުން މިހާރު ދުވާލެއްގެ މައްޗަށް 9،000 މީހުން ފައްސިވެއެވެ. އެހެން ކަމުން ޑޮކްޓަރުންނާއި ނަރުހުން ވަނީ އެކަމަށް ތައްޔާރުވެ، ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ގޮވާލާފައެވެ.