ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދަނޑު ބިމެއް ނީލަމަށް ހުށަހަޅާފައިވާ ކަމަށް ޓީވީ ޗެނަލަކުން ރިޕޯޓުކޮށްފިއެވެ.

ގާތްގަނޑަކަށް 4.47 ހެކްޓަރުގެ ދަނޑު ބިމެއް ނީލަމަށް ހުށަހެޅުމުން، އެންމެ އަގުބޮޑު ބިޑެއް ކޮށްފައިވަނީ ވިޔަފާރިވެރިޔާ މުހައްމަދު ބޯޓާއެވެ. އޭނާ ބިޑް ކޮށްފައިވާ އަގަކީ 8 ކެނަލްއަށް 10.1 މިލިއަން އިންޑިއަން ރުޕީސްގެ މަގުންނެވެ.

ނީލަމުގައި ޝައުގުވެރިކަން ފާޅު ކޮށްފައިވަނީ ތިން މީހުން ކަމަށް ޑެޕިއުޓީ ކޮމިޝަނާ ފައިސަލް ސަލީމް ވިދާޅުވިއެވެ. އެތަނުން އެންމެ ބޮޑު އަގެއްގެ ބިޑެއް ހުށަހެޅި ފަރާތުން 8 ކެނަލްއަށް 10.1 މިލިއަން އިންޑިއަން ރުޕީސްގެ މަގުން އަގު ކޮށްފައިވާ އިރު، ޖުމްލަ އަގެއްގެ ގޮތުގައި 115 މިލިއަން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބިޑްއާ ގުޅޭ އެންމެ ފަހުގެ ނިންމުން ކޯޓުގައި ކުރިއަށްދާ ކަމަށް ފައިސަލް ސަލީމް ފާހަގަ ކުރެއްވިއެވެ.

އެޕްރީލް މަހުގެ 23 ވަނަ ދުވަހު ކޯޓު ގާޒީ ސައީދު އަސްގާރް އަލީ ވަނީ ނަވާޒް ޝަރީފްގެ މުދަލާ ގުޅޭ ގޮތުން ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯ (އެންއޭބީ) އިން ހުށަހަޅާފައިވާ ފައިލަށް ހުއްދަ ދެއްވައިފައެވެ. އެއާއެކު ނަވާޒް ޝަރީފްގެ މިލްކިއްޔާތުގައިވާ މޯލް އަކާއި، ގެއެއް އަދި ދަނޑު ބިން 60 ދުވަހުގެ ތެރޭގައި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މައްސަލަ މިގޮތަށް ނިންމަން މެދުވެރިވީ ހަ މަސް ދުވަސް ވަންދެން ނަވާޒް ޝަރީފް ކޯޓަށް ހާޒިރު ނުވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.