ޗައިނާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ ޗައިނާގެ ޒިންހުއާ އަށެވެ. ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ 7.4 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސަށް ވެސް ވަނީ މިއަދު ބިންހެލުމެއް އައިސްފައެވެ. އެބިންހެލުން އައީ 6.1 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. ބާރުގަދަ ބިންހެލުމެއް ޒިންހުއާ އަށް އައީ އޭގެ ގަޑިއިރުތަކެއް ފަހުންނެވެ.

ބިންހެލުމުގެ ސަބަބުން ތިން މީހަކު މަރުވެ، 27 މީހަކު ޒަހަމްވެފައިވާ ކަމަށް މިހާތަނަށް ލިބުނު މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޔުނާން ޕްރޮވިންސްގެ ސަރުކާރުން ބުނީ ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތައް ވެއްޓިފައިވާ ކަމަށެވެ. އަދިވެސް އިތުރު ބިންހެލުމެއް މިސަރަހައްދަށް އަތުވެދާނެ ކަމަށް ބަލައި މިހާރު 20000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ޔުނާން ޕްރޮވިންސްގެ ސަރުކާރުން ބުނެއެވެ.

ޗައިނާ އާތުކުވޭކް ނެޓްވޯކް ސެންޓާ އިން ވަނީ އިތުރު ބިންހެލުންތަކެއް އަތުވެދާނެ ކަމަށް ލަފާކުރެވޭތީ އުސް އިމާރާތްތަކުން ނިކުމެ ތިބުމަށް އާއްމުންނަށް އިލްތިމާސް ކޮށްފައެވެ.

ޗައިނާ އަކީ ބާރުގަދަ ބިންހެލުންތަކެއް ފަރުބަދަމަތީ ސަރަހައްދުތަކަށް އަންނަ ގައުމެކެވެ. ޗައިނާ އިން އެންމެ ފަހުން އައި އެންމެ ބާރުގަދަ ބިންހެލުމަކީ 2008 ވަނަ އަހަރު އައި ބިންހެލުމެވެ. އެބިންހެލުމުގައި 87000 މީހުން މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯނުއެދުރު

    ތީ މުސްލިމުންނަށް އަނިއާކުރާތީ އައި އެތިފަހަރެއް ދެންވެސް އިސްލާހުވެބަލަ