އިންޑިއާގައި މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސް ޖެހިފައިވާ ކަން ޔަގީން ކުރެވިފައިވާ 7،250 މީހުން އެބަތިއްބެވެ. ބަލި ފެތުރިފައިވާ މިންވަރު އިތުރުވެ، ބެލްކް ފަންގަސް ޖެހިފައިވާ މީހުންގެ އަދަދު މިއަށް ވުރެ އިތުރުވެދާނެ ކަމަށް ބެލެވެއެވެ. ކޮވިޑުގެ އިތުރުން ފުރާނައަށް ނުރައްކާވާ އިތުރު ބައްޔެއް އިންޑިއާގައި ފެތުރެމުންދާތީ، ކަމާބެހޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ބަލި ޖެހިގެން 215 މީހުން މަރުވެފައިވާ ކަމަށް ރިކޯޑު ކޮށްފައިވެއެވެ. ބަލި ޖެހޭ މީހުން އިތުރުވަމުން ދާތީ އިންޑިއާ ސަރުކާރުން ބުރާސްފަތި ދުވަހު ހާމަކޮށްފައިވަނީ މިއުކޯމައިކޯސިސް އަކީ މޫސުމީ ރޯގާއެއް ކަމަށް ނިންމަން ވިސްނާ ކަމަށެވެ. އޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުން އިންފެކްޝަން ދެނެގަނެވިއްޖެ ނަމަ ސެންޓްރަލް ޑިސީސް ސާވައިލެންސް ނެޓްވޯކަށް އެކަން އަންގަން ޖެހެއެވެ. އިންޑިއާ ސަރުކާރުން މިގޮތަށް ނިންމުމާއެކު، ދިއްލީގެ ސްޓޭޓް ވެރިން ނިންމާފައިވަނީ އެ ސްޓޭޓުގައި މިއުކޯމައިކޯސިސްއަށް ފަރުވާ ކުރުމަށް ތިން ހޮސްޕިޓަލެއްގައި އެ ބައްޔަށް ފަރުވާ ދިނުމަށް ހާއްސަ ފެސިލިޓީ ގާއިމް ކުރުމަށެވެ.

މިއީ މީގެ ކުރިން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ނަމަވެސް އިންޑިއާގައި އާންމު ރޯގާއެއް ހެން މި ބަލި މިހާރު ދަނީ ފެތުރެމުންނެވެ. މިވަރަށް ބަލި އާންމު ނުވި ނަމަވެސް، މީގެ ކުރިންވެސް އެންމެ ގިނައިން މިއުކޯމައިކޯސިސް ފެނިފައިވަނީ އިންޑިއާއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު ބަލި ޖެހެމުންދަނީ ކޮވިޑު ބަލިން ރަނގަޅުވާ މީހުންނާއި ބަލިން ރަނގަޅުވަމުން އަންނަ މީހުންނަށް ކަމަށް އިންޑިއާގެ ޑޮކްޓަރުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މި ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭހަކީ އިންޑިއާގައި ވަރަށް މަދުން އުފައްދާ ބޭހަކަށް ވާއިރު، އެ ބޭސް ހޯދުމަކީ އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. އަދި ކޮވިޑު ހާލަތާ އެއްވަރަށް ގޯސް ނުވި ނަމަވެސް، މިއުކޯމައިކޯސިސް ޖެހިފައި ތިބި މީހުންނަށް ބޭސް ދިނުމަށް އެމީހުންގެ އާއިލާތަކުން ބްލެކް މާކެޓުން ބޭސް ގަންނަ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު