ކަޝްމީރުގައި ކުރިއަށް ގެންދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އިންޑިޔާގެ ސަލާމަތީ ބާރުތަކުން އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުން ކޮށްފައިވާކަމަށާއި އަދި ކުރަމުންދާކަމަށް އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާ (އޯއެޗްސީއެޗްއާރް) އިން ބުނެފިއެވެ.

އދ. އިން މިހެން ބުނެފައިވަނީ، އެޖަމިއްޔާއިން ނެރެފައިވާ 49 ޞަފްހާގެ ދިގު ރިޕޯޓެއްގައެވެ.

އެރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، އިންޑިޔާ އިން އަމަލު ކުރަމުންދާ ގޮތުން، ކަޝްމީރުގެ ޙާލަތު އިތުރަށް ގޯސްވެ، މަޝްރަހު އިތުރަށް ހޫނުވާކަމަށެވެ.

މީގެއިތުރުންވެސް، އެރިޕޯޓުގައި ބުނެފައިވާ ގޮތުން އިންޑިޔާގެ އަމަލުތަކުގެ ސަބަބުން، 2016 ވަނަ އަހަރުގެ ޖުލައި މަހުގެ މެދުތެރެއިން ފެށިގެން، 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް، ކަޝްމީރުގެ 145 އާއްމުންވަނީ މަރުވެފައެވެ. ހަމައެހެންމެ، އިންޑިޔާއިން ކަންތައް ކުރާ ގޮތުގެ ނަތީޖާއެއްގެ ގޮތުން، ހަތިޔާރު އެޅި ގްރޫޕުތަކުން ދިން ހަމަލާތަކުގައި 20 މީހުން މަރުވެފައިވާކަމަށް ބުނެފައިވެއެވެ.

އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުން ކުރަމުންދާއިރު، މުޒާހަރާތަކުގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ނުރައްކާތެރި ހަތިޔާރު ބޭނުންކުރަމުންދާކަމަށްވެސް އދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އޮފީހުން ބުނެފައިވެއެވެ. އެގޮތުން، ޕެލެޓު ބަޑި ބޭނުންކުރަމުންދާއިރު، އޭގެ އަމާޒަކަށް 6000 އަށް ވުރެ ގިނަ މީހުން ވެފައިވެއެވެ. އަދި، އޭގެ ވަޒަނުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ލޯ އަނދިރިވެ، އިތުރު ބައެއްގެ ފެނުމަށް އަސަރުކޮށްފައިވެއެވެ.

ހަމައެހެންމެ، ކަޝްމީރުގައި އިންޑިޔާއިން ކަންތައް ކުރަމުމްދަނީ އިންސާފުން ނޫންކަމަށާއި، އެސަރަޙައްދުގައި އަދުލު އިންސާފަށް މަގު ހުޅުވިފައި ނެތްކަންވެސް، އދ. އިން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ކުރިއަށްވެސް މުޒާހަރާތައް ކުރާނެކަމަށް ބެލެވޭއިރު، އިންޑިޔާ އިން މިކަންކަމަށް ރިއާޔަތްކޮށް، ހެދިފައިވާ ބައިނަލްއަޤުވާމީ މުއާޙަދާތަކަށް ހުރުމަތްތެރިކޮށް ހިތަން އިންޑިޔާއަށް، އދ. އިން ގޮވާލާފައިވެއެވެ.

މީގެއިތުރުން، ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅިންވެސް ބައެއް ކަންކަން ހިންގާފައިވާއިރު، އެކަންކަން އިސްލާޙުކުރުމަށް އެޤައުމަށްވެސް އެޖަމިއްޔާއިން ގޮވާލާފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުން، ރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، އިންޑިޔާ އާއި ޕާކިސްތާނުން އެއްބާރުލުން ދީފައި ނުވެއެވެ. އެހެންކަމުން، ރިޕޯޓު ދިގުލައިގެން ދިޔަކަމަށާއި މިއީ އެސަރަޙައްދުގެ އިންސާނީ ޙައްޤުތައް އޮތް މިންވަރު ވަޒަންކުރުމަށް ނެރުނު ފުރަތަމަ ރިޕޯޓުކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔޫސުބު

    ކުބާ ކުބާ އިންޑިޔާ ކީކޭބުނާނީ މިކަމާ...އަދިވެސް އަހަރެމެން ގައުމަށް ވޮށިފިލާ އަޅައިދޭން އުޅޭތި

  2. ޒާ

    އިންޑިއާ އަކީ މުސްލިމުންނަށް އަނިޔާވެރިވާ ސަރުކާރެއް އޮތް ގައުމެއް. އެކަމަކު އުޅެނީ ދިވެހިންގެ ކަންކަމަށް ގުައިއުނދުޅި ނުބޭނިގެން.