ޗައިނާގައި އަލްޓްރާ މެރެތަން އެއް ކުރިޔަށް ދަނިކޮށް މާ ބޮޑަށް ފިނިވެ، 21 މީހަކު މަރުވެެއްޖެއެެެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީއިން ރިޕޯޓު ކޮށްފައިވާ ގޮތުން، ފިިނި ފައިބައިގެން ގަނޑުވާ ވަރަށް އިއްޔެ އެގައުމުގެ ޓެމްޕަރޭޗާ ދަށްވިއެވެ. އެންމެ ފިނި ސްޓޭޖަށް އިއްޔެ ހަވީރު އެރި ކަމަށް ޒިންހުއާ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.

ރޭގައި ރެސްކިއު ޓީމުގެ 700 އެއްހައި މެމްބަރުން ގެއްލިގެން ރިޕޯޓު ކޮށްފައިވާ ފަސް މީހަކު ހޯދުމުގެ މަސައްކަތް ކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން އެ ފަސް މީހުން ވެސް ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޖަންސޫ ޕްރޮވިންސްގެ ޔެލޯ ރިވާ ސްޓޯން ފޮރެސްޓް ޓޫރިސްޓް ސައިޓުގައި ބޭއްވި ދުވުމުގެ ހަރަކާތުގައި ބައިވެރިން ލައިގެން ތިބީ ސޯޓާއި ޓީޝާޓުކަން ފޮޓޯތަކުން ހާމަ ކޮށްދެއެވެ. ދުވުން ހުއްޓާލައިފައިވަނީ ބައިވެރިންގެ ތެރެއިން ބައެއް މީހުން ގެއްލި، ޓެމްޕަރޭޗާއަށް އައި ބަދަލާއި އެކު ކުރިޔަށް ގެންދެވެން ނެތުމުންނެވެ.

މި މެރެތަންގައި 60 މޭލަށް ދުވުމަށް 172 މީހުން ބައިވެރިވިއެވެ. އޭގެ ތެރެއިން 151 މީހެއްގެ ރައްކާތެރިކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ބައިވެރިންގެ ތެރެއިން އަށް މީހަކަށް ކޮންމެވެސް ވަރަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ދުވުމުގެ ހަރަކާތް ކުރިޔަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެއްސި ފަރާތުން ވަނީ އަނިޔާވި މީހުންނާއި، މަރުވި ބައިވެރިންގެ އާއިލާތަކުގެ އަރިހުން މާފަށް އެދިފައެވެ. އޭނާ ބުނެފައިވަނީ މާ ބޮޑަށް ފިނިވާ ކަމުގެ ރިޕޯޓު ލިބުނު ވަގުތު ރެސްކިއު ޓީމް އެ ސަރަހައްދަށް ފޮނުވި ކަމަށެވެ. އަދި އޭގެ ސަބަބުން 18 މީހެއްގެ ފުރާނަ ސަލާމަތް ކޮށްދެވުން ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު