ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓް އިން 200 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ނޭޕާލުގައި ހުންނަ މި ފަރުބަދައިގެ 17،000 ފޫޓު މަތީގައި ހުންނަ ކޭމްޕަކުން ގިނަ އަދަދަކަށް މީހުން ކޮވިޑަށް ފައްސިވެފައިވާ އިރު ފައްސިވާ މީހުންގެ އަދަދު މަތިވާނެ ކަމަށް އެކި ފަރާތްތަކުން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.
މައުންޓް އެވަރެސްޓް މަތިން ކޮވިޑަށް ފައްސިވެފައިވާ މީހުންނަކީ ފަރުބަދަ އަށް އަރާ މީހުންނެވެ. ކަމާބެހޭ ފަރާތްތަކުން ބުނަމުންދާ ގޮތުން އެވަރެސްޓްގެ ކޭމްޕުތަކުގައި ފައްސިވެފައިވާ މީހުންގެ ތެރޭގައި އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.
މިއަހަރުގެ މި ސީޒަނުގައި ނޭޕާލް ސަރުކާރުން 408 ފަތުރުވެރިޔަކަށް އެވަރެސްޓް އަށް އެރުމެއް ހުއްދަ ދޫކޮށްފައިވެއެވެ. ގައިޑް ކޮށްދިނުމަށް ގިނަ އަދަދެއްގެ އެހީތެރިންވެސް އެވަރެސްޓްގެ ކޭމްޕުގައި އޭޕްރީލް މަހުން ފެށިގެން ތިބޭނެ ކަމަށް ނޭޕާލް ސަރުކާރުން ބުނެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ނޭޕާލަށް ދާ ފަތުރުވެރިން ތިން ދުވަހަށް ކަރަންޓީންވާން ޖެހެއެވެ. އަދި ޕީސީއާރް ހަދައި ނައްސި ސުންކެން ލިބުމުން ނޫނީ އެވަރެސްޓަށް ނޭރޭ ކަމަށް ވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެވަރެސްޓްގެ ކޭމްޕުތަކުގައި ތިބި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އިން ބޭރުވިއިރުވެސް ޕީސީއާރް ޓެސްޓު ހަދާފައިވާ މީހުންނެއް ނޫނެވެ.
އެވަރެސްޓް އިން ފުރަތަމަ ފަހަރަށް ކޮވިޑް ފެނުނީ ފާއިތުވި އަހަރުއެވެ. ނޭޕާލުގައި މިހާތަނަށް ފަސްލައްކަ އާއި ގާތްކުރާ ވަރަށް މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 6،000 އަށް ވުރެ ގިނަ މީހުން އެ ގައުމުން ވަނީ މަރުވެފައެވެ.
ނޭޕާލުންވެސް ބަލީގެ ކަންކަން ކޮންޓްރޯލުން ނެއްޓުނީ ޓޫރިޒަމް ހުއްޓިދާނެތީ އެވަރެސްޓް ސަރަހައްދުގެ ކޮވިޑްގެ ހާލަތު އޮޅުވާލައިގެން މީޑިއާތަކުގަ ރިޕޯޓްކޮށްގެން. ހަގީގަތް އޮޅުވާލީމަ ކޮން ބަޔަކަށްބާ ދެރަވަނީ؟ ފައިސާކޮޅު ބޭނުންވިއަސް މިއީ ލިބޭ ފައިސާއިން ސިއްހަތު ނުގަނެވޭނެ ބައްޔެއް.