ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ ރޮހިންޔާ މުސްލިމުން ދިރިއުޅޭ ފަސް ކޭމްޕެއް ފުރަބަންދު ކުރަން ބަންގްލަދޭޝް ސަރުކާރުން އަމުރުކޮށްފިއެވެ.

ބަންގްލަދޭޝް ސަރުކާރުން ފުރަބަންދު ކުރަން އަމުރު ކޮށްފައިވާ ފަސް ކޭމްޕުގައި ލައްކައެއްހާ ރޮހިންޔާ މުސްލިމުން ދިރިއުޅެމުންދާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މީގެ އަހަރުތަކެއް ކުރިން މިޔަންމާ ސަރުކާރުން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތަކެއް ހިންގަން ފެށުމުން މިލިއަނެއްހާ ރޮހިންޔާ މުސްލިމުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށް، އެތަނުގައި ރެފިއުޖީ ކޭމްޕު ޖަހައިގެން ދިރިއުޅެން ފަށައިފައެވެ. އެއް ތަނެއްގައި ގިނަ ބަޔަކު ދިރިއުޅެމުން ދިޔުމަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމެއް ކަމުގެ އިންޒާރު ބަންގްލަދޭޝް ސަރުކާރުން ދީފައިވެއެވެ.

އެގައުމުގެ ސަރުކާރުން ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ ކޮވިޑް ފެނުން ހިސާބުން ފެށިގެން ވެސް ކޭމްޕުތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް މަދު ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ދެ ދުވަހު ނެގުނު ސުންކުތަކުން ގިނަ ބަޔަކު ފައްސިވެފައިވާކަމަށް ބުނެފައިވެއެވެ.

ބަންގްލަދޭޝް ސަރުކާރުން ކުރި އަމުރާއެކު ބުރާސްފަތި ދުވަހު ކޭމްޕުތައް ވަނީ ފުރަބަންދު ކުރެވިފައެވެ. އެހެން ކަމުން ޒަރޫރީ ބޭނުމަކު ނޫން ގޮތަކަށް ކޭމްޕުތަކުން ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލަކު ބުނެފައިވަނީ ފުރަބަންދަށް ލުޔެއް ދޭނެ ވަކި ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

ރެފިއުޖީ ކޭމްޕުތަކުން މިހާތަނަށް 41,500 ކޮވިޑް ޓެސްޓު ކުރެވިފައިވާއިރު، 864 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި އޭގެ ތެރެއިން 13 މީހަކު ބަލީގައި މަރުވެފައިވެެއެވެ.