ރަޝިޔާގައި މިހާރު ފެށިގެން ކުރިއަށް ވޯލްޑްކަޕް 2018 ބަލައިލުމަށް އެޤައުމަށް ގޮސް އުޅުނު ބައެއްގެ ގައިގައި، ކާރަކުން ޖައްސައި ޒަޚަމްކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައި ރަޝިޔާގެ ވެރިކަންކުރާ މޮސްކޯގައެވެ. މި ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެތެރޭގައި އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް ނޫސްތަކުން ބުނެއެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ނޫސްތަކުން ޢާންމުކޮށްފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް، ގިނަ ޢަދަދެއްގެ ބަޔަކު މަގުގެ އެއްކައިރިން ހިނގާފައި ދަނިކޮށް ކުއްލިއަކަށް އެމީހުންނާއި ދިމާލަށް ދުއްވާލައި އެމީހުންގެ ގައިގައި ކާރުން ޖައްސާލާ މަންޒަރެވެ. އެއާއި އެކު ގިނަ ބަޔަކު ބިންމައްޗަށް ވެއްޓި ކާރުގެ ދަށުވިއިރު، ޑްރައިވަރު ވަނީ ހާދިސާ ހިނގުމާއި އެކު ކާރުން ފައިބައިގެން ފިލަން މަސައްކަތްކޮށްފައެވެ.

https://youtu.be/oKSzIv_BGGk

މމި ހާދިސާ އާއި ގުޅިގެން އެ ކާރު ދުއްވަންހުރި މީހާ ވަގުތުން ހައްޔަރުކޮށްފައިވާއިރު، އޭނާއަކީ ރަޝިޔާއަށް ނިސްބަތްވާ މީހެއް ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ނަމަވެސް އޭނާގެ ލައިސެންސް ނަގާފައިވަނީ ކިރިގިސްތާނުން ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި ހާދިސާއަށްފަހު މޮސްކޯގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު ޚާއްސަ ތަހުޤީޤެއް ފަށާފައިވާއިރު، އޮފިޝަލުން ސުވާލުކުރުމުން އެ ކާރު ދުއްވަން ހުރި މީހާ ބުނެފައިވަނީ، އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށެވެ. މި މީހާ މިހާރު ހައްޔަރުކޮށް އޭނާގެ ލައިސެންސް ވަނީ ބާތިލު ކުރެވިފައެވެ.

ޢާންމު ގޮތެއްގައި މީގެ ކުރިން ކާރުތަކުގައި ގޮސް މީހުންގެ ގައިގައި ޖެއްސުމުގެ ހާދިސާތައް މީގެ ކުރިންވެސް ބައެއް ހިސާބުތަކުގައި ހިނގާފައިވެއެވެ. މިގޮތުން ހިނގާ ހާދިސާތައް ގުޅިފައިވަނީ ހަނގުރާމަވެރި ޖަމާޢަތްތަކާއި ކަމަށްވާއިރު، އިއްޔެ ރަޝިޔާގައި ހިނގި ހާދިސާ އާއި އެފަދަ ޖަމާއަތެއް ގުޅިފައިވޭތޯ ބެލުމަށް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ހާދިސާ ހިނގާފައި މިވަނީ ވޯލްޑްކަޕާއި ދިމާކޮށް ރަޝިޔާގައި ނިރުބަވެރި ޢަމަލު ހިންގާނެ ކަމުގެ އިންޒާރު، މެދުއިރުމަތީގައި މުސްލިމުންގެ ނަމުގައި އުފައްދާފައިވާ ނިރުބަވެރި އައިއެސް އިން ތަކުރާރުކޮށް މީގެ ކުރިން ދީފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު