ދުނިޔޭގެ އާބާދީގެ ބައި ބިލިއަން މީހުންނަކީ ހަކުރު ބަލި ޖެހިފައިވާ މީހުން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާ ހަދާފައި ވަނީ އެމެރިކާގެ ޔުނިވަސިޓީ އޮފް މިޝިގަންގެ ސައިންސްވެރިންނެވެ. މި ދިރާސާ ހެދި ސައިންސުވެރިން ބުނީ ގިނަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާކަން ނުވެސް އެނގޭ ކަމަށެވެ.

ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރުން ފަށައިގެން ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާ އިރު އޭރު ހަކުރު ބަލި ޖެހިފައިވާ ކަމަށް ބެލެވިފައި ވަނީ 108 މިލިއަން މީހުންނަށެވެ.

އެންމެ އިހުއްސުރެ ގަބޫލުކުރެވިފައި އޮތް ގޮތުގައި ހަކުރު ބައްޔަކީ މުއްސަނދި ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޖެހޭ ބައްޔެކެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ހަކުރުބަލި ޖެހިފައިވާ މީހުންގެ ތެރޭގައި މެދުމިންވަރެއްގެ އާމްދަނީއެއް ލިބޭ ގައުމުތައްވެސް ހިމެނެއެވެ.

ދަތުރުފަތުރު ކުރުން ފަސޭހަވެ ދުނިޔެ ކުޑަތަނަކަށް ވެފައިވާއިރު ކާބޯތަކެތި ހޯދުމަށްވެސް މިހާރު ގިނަ ގައުމުތަކުގައި ދަތި ކަމަކަށް ނުވެއެވެ. އެއް ގައުމުން އުފައްދާ ތަކެތި އަނެއް ގައުމުން އެއްދުވަސް ނޫނީ ދެތިން ދުވަސްތެރޭގައި މިހާރު ލިބެއެވެ. އަދި މީހުންގެ ކެއުން ބުއިމަށާއި ދިރިއުޅުމުގެ ފަސޭހަތަކުގެ ސަބަބުން ހަކުރު ބަލި ފަދަ ބަލިތައް ޖެހުމަކީ ފަސޭހަ ކަމެއް ކަމަށް ސައިންސުވެރިން ބުނެއެވެ.

މިޝިގަންގެ ސައިންސުވެރިން ހެދި ދިރާސާގައި 68،000 މީހުން ބައިވެރިކޮށްފައި ވެއެވެ. އެއީ 25 އަހަރާއި 64 އަހަރާއި ދެމެދުގެ މީހުން އުޅޭގޮތަށް އެކި ގައުމުތަކުގެ މީހުން ހިމަނާފައި ހަދާފައިވާ ދިރާސާ އެކެވެ.

ސައިންސުވެރިން ހެދި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ހަކުރުބައްޔަށް ޓެސްޓުހަދާފައިވާ ބައެއްވެސް ނޫނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދް

    އެކަމަކު މަރުވެއްޖެނަމަ ކޮވިޑް މަރަކަށް ވާނީ.

  2. މާމިގިލީ މީހާ

    ދެން ބާކީ ތިބި މީހުންނަކީ ރިހާކުރު ބަލި ޖެހިފަ ތިބި މީހުން..

  3. ބަފާބޭ

    ހަކުރު ވިއްކާތީ ހަކުރުބަލި ޖެހެނީ... އަދި ރަގަޅަށް ހަކުރު ބަލި ޖެހިފައި މިޤައުމުގައި ތިބެނީ ޒުވާނުންނަށް...