ސްކޮޓްލެންޑްގެ ކުރީގެ ރާނީ ކަރުބުރިކޮށް އަވަހާރަކޮށްލުމަށް ގެންދިޔަ އިރު އޭނާގެ އަތްޕުޅުގައި އޮތް ރަން ހާރު ވަގަށް ނަގައިފި އެވެ.

މި ރަން ތަސްބީހަ އާއި ގަނޑުވަރުން ވަގަށް ނެގި ތަކެތީގެ އަގު އެއްމިލިއަން ޕައުންޑް(20 މިލިއަން ރުފިޔާ) އަށް އަރައެވެ.

ސްކޮޓްލެންގެ ކުރީގެ ރާނީ މެރީ ކަރުބުރިކޮށް އަވަހާރަކޮށްލާފައި ވަނީ ކުރީގެ އިނގިރޭސިރާނީ އެލިޒަބަތްގެ އޯޑަރަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ރާނީ މެރީ އަވަހާރަކޮށްލީ އެލިޒަބަތްގެ ތަހުތު ގެއްލިދާނެކަމުގެ ބިރަށް ކަމަށްވެެސް އެ މީހުން ބުނެފައި ވެއެވެ.

ރާނީ މެރީ އަކީ އޭރުގެ އިނގިރޭސި ރާނީގެ ދެބެއިންގެ ދެދަރި ބޭކަނބަލެކެވެ. ރާނީ މެރީ އަވަރާކޮށްލީ މީލާދީ ގޮތުން 1587 ގައި އެވެ.

ރާނީ މެރީގެ ރަން ހާރު ވަގަށް ނަގާފައި ވަނީ އަރެންޑޭލް ކާސަލް ފަޅާލައިގެންނެވެ. މި ގަނޑުވަރު ފަޅާލައި ވަގަށް ނަގާފައިވާ ތަކެތީގެ ސީދާ އަގު އަދި ނޭނގޭއިރު މި ތަކެއްޗަކީ 850 އަށްވުރެ ގިނަ އަހަރުވެފައިވާ ތަކެތިކަން ފާހަގަ ކުރެވެ އެވެ.

އަރެންޑޭލް ކާސަލް އިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 15 ވަނަ ގަރުނުގެ ރަސްރަސްކަލުން އެކި ކަންކަމުގައި ބޭނުންކުރެއްވި ރަން ތަށިތަކާއި ރިހިތަށިތައް ހިމެނެ އެވެ. މިތަކެއްޗަކީ ސްކޮޓްލެންޑުގެ އާސާރީ ތަރިކައިގެ ތެރޭގައި ލިސްޓުކުރެވިފައިވާ ތަކެއްޗެވެ.

ސަގާފަތާއި ތާރީހަށް ލޯބިކުރައްވާ ފަރާތްތަކުން ދަނީ އަރެންޑޭލް ކާސަލް ފަޅާލައި ވަގަށް ގެންދިޔަ ތަކެތި ވަގުތުން އެ ގަނޑުވަރަށް ގެންދިއުމަށް އެތަކެތި ނެގި ފަރާތްތަކަށް ގޮވަމުންނެވެ. އަދި އެތައް ގަރުނެއް ވެފައިވާ މިފަދަ ތަކެތި ވަގަށް ނަގާތީ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުންތައްވެސް ފާޅުކުރަމުންނެވެ.