އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގެ ސިފައިން އެ ގައުމުގެ ރައީސް ބަ އެން'ޑައޯ އާއި، ބޮޑު ވަޒީރާއި ޑިފެންސް މިނިސްޓަރު ހައްޔަރުކޮށްފިއެވެ.

ގައުމުގެ ވެރިން ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ގައުމުގައި ބަޣާވާތްކޮށް، ވެރިކަން ބަދަލު ކުރިތާ ނުވަ މަސް ފަހުންނެވެ.

އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އެކޯވާސް) އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލީގެ ރައީސް، ބަ އެން'ޑައޯ އާއި އެގައުމުގެ ބޮޑުވަޒީރު މަކްޓަރ އައުނެ ވަގުތުން ދޫކޮށްލުމަށް ގޮވާލައިފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުމާއި މިކަހަލަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެެވެ. އެމެރިކާ، ފްރާންސް، ޖާމަނީއިން ވަނީ މި ބަޔާނަށް ތާއީދު ކޮށްފައެވެ.

ރޮއިޓާސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ގައުމުގެ ރައީސް، ބޮޑުވަޒީރު އަދި ޑިފެންސް މިނިސްޓަރު ސިފައިންްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރީ ކެއިތާގައި ހުރި މިލިޓަރީ ބޭސްގައެެވެ.

ގައުމުގެ ވެރިން ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ބަޣާވާތް ކުރި ދެ ސިފައިންގެ މީހެއްގެ މަގާމު ދަށްކުރި ފަހުންނެވެ. ލީޑަރުން މިހެން ކަން ކޮށްފައިވަނީ ދެ ވަނަ ބަޣާވާތެއް ކުރިމަތިކޮށް، ވެރިކަން ވެއްޓިދާނެ ކަމުގެ ބިރަށެވެ.

އދ އާއި އީޔޫ އިން ވަނީ މާލީގެ ލީޑަރުން މިނިވަން ކުރުމަށް ގޮވާލައިފައެވެ. އެ ދެ ފަރާތުން ބުނެފައިވަނީ ގައުމުގެ ވެރިން ހައްޔަރު ކުރަން ސިފައިން ހިންގި އަމަލަކީ ނުރައްކަލަކަށް ގައުމު ހުށަހެޅިގެން ދާނެ ކަމެއް ކަމަށާއި، ލީޑަރުން މިނިވަން ކުރުމަށް ސިޔާސީ ބޭފުޅުން ތެދުވަން ޖެހޭ ކަމަށެވެ.

މާލީގެ ރައީސް ކަމުގައި ހުންނެވި އިބްރާހިމް ބޯބަކާރު ކެއިތާ ސިފައިން ގެނައިން ބަޣާވާތެއްގައި ވެރިކަމުން ދުރުކުރީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ. އެއަށް ފަހު މާލީގެ ވަގުތީ ރައީސްގެ މަގާމަށް ކުރީގެ ޑިފެންސް މިނިސްޓަރ ބަ އެން'ޑައޯ އައްޔަން ކުރީއެވެ.