ސައުދީ އަރަބިއްޔާ އާއި ރަޝިޔާ އިން ސްޕޭޝް މިޝަންއަކަށް ތައްޔާރުވާން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން, ދެ ގައުމު ގުޅިގެން އިންސާނުންގެ ކްރޫ ޓީމެއް އެކުލަވާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ސްޕޭސް މިޝަންގެ މަޝްވަރާތައް ދެގައުމުގެ ދެމެދުގައި ދަނީ ކުރެވެމުންނެވެ.

ރަޝިއާގެ ކްރެމްލިން ސެންޓަރުން ބުނެފައިވަނީ ސްޕޭސް މިޝަންގެ ކަންތައްތައް ކުރިއަށްދާ އިރު، އެ ސެންޓަރުން ސައުދީގެ އެސްޓްރޮނައުޓުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދެ ގައުމު ހިމެނޭހެން ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި ރަޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު، އެލެޒެންޑްރާ ނޮވާކް ވިދާޅުވީ ދެ ގައުމުން މަޝްވަރާ ކުރެވިގެން ސްޕޭސް މިޝަންއެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މިކަމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، ކޮސްމޮނައުޓުން ތަމްރީނުކޮށް މިޝަން ކުރިއެރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ދެ ގައުމުގެ ދެމެދުގައިވާ ގުޅުން މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ހަކަތަ އުފެއްދުމާއެެވެ.

ރަޝިއާއިން މަސައްކަތް ކުރަމުންދަނީ އެގައުމުގެ އަމިއްލަ ސްޕޭސް ޝިޕެއް ބިނާ ކުރުމަށެވެ. އަމާޒަކީ 2030 ވަނަ އަހަރު އޯބިޓަށް ސްޕޭސްޝިޕް ދޫކޮށްލުން ކަމަށާއި އެހެން ކަންތައް ކުރެވެން އޮތީ ގައުމުގެ ރައީސް ހުއްދަ ދެއްވައިގެން ކަމަށް ރޮސްކޮސްމޮސް ސްޕޭސް އެޖެންސީއިން މިދިޔަ އެޕްރީލް މަހު ބުނެފައިވެއެވެ.

މި ޕްރޮޖެކްޓަކީ ރަޝިޔާއަށް ސްޕޭސްގެ ކަންކަން އިތުރަށް ހޯދާ ބެލުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނެއެވެ. އެގައުމުން ނިންމާފައިވަނީ އެމެރިކާއާއި ގުޅިގެން ތައްޔާރުކުރި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުގެ މަސައްކަތް މުޅިން ދޫކޮށްލައި އަމިއްލަ ސްޓޭޝަނެއްގައި މަސައްކަތް ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު