ޕާކިސްތާނުގެ ސަރުކާރުން އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށް ނެރުނު ތަފާސް ހިސާބުތައް ބަލައެއް ނުގަތެވެ.

2020-2021 މި މުއްދަތުގައި އުފައްދާ ތަކެއްޗާއި ދެވޭ ހިދުމަތަށް ލިބޭ މާކެޓް ވެލިއު ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) 3.94 އިންސައްތައަށް އަރާނެކަމަށް ސަރުކާރުން ލަފާކޮށްފައިވާ އިރު އިދިކޮޅު ޕާޓީން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ.

މީގެ ކުރިން ސަރުކާރުން ހަދާފައިވާ ހިސާބުތަކުން ދައްކާގޮތުން ޖީޑީޕީ އަކީ 2.1 އިންސައްތައެވެ. ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން ވޯލްޑް ބޭންކުގެ ހިސާބުތަކަށް ބަލާއިރު ޕާކިސްތާނުގެ ޖީޑީޕީގެ ގޮތުގައި ދައްކަނީ 1.5 އިންސައްތައެވެ.

ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) ގެ ރައީސް އަދި އިދިކޮޅު ލީޑަރު ޝެހްބާޒް ޝާރިފް ވިދާޅުވީ އެ ޕާޓީއިން ވެރިކަން ކުރި އިރުގައި ޖީޑީޕީ އަކީ 5.8 އިންސައްތަ ކަމަށާއި މިހާރުގެ ބޮޑުވަޒީރު އިމްރާން ހާންގެ ހިސާބުތަކުން ދައްކަނީ 3.94 އިންސައްތަ ކަމަށް އެދައްކަނީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަ ތަކެއް ކަމަށެވެ.

އިގްތިސާދު ދިރާސާ ކުރާ ބޭފުޅަކު ޕާކިސްތާން ރައްޔިތުންނަށް ލިބޭ އާމްދަނީ އެވެރެޖް ގޮތެއްގައި ދަށްވެފައިވާ ކަމަށް ލަފާ ކޮށްފައިވުމުން، އިދިކޮޅު ލީޑަރު ބުނަމުންދަނީ އިމްރާން ހާން އަންދާޒާ ކުރާ ވަރަށް ވުރެ ގައުމުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޒަރޫރީ ބޭނުމަށް ގަންނަ ތަކެތީގެ އަގުވެސް އުފުލިފައިވާ ކަމަށެވެ.

ކޮވިޑް ފެތުރެން ފެށުމާއެކު ޕާކިސްތާނުގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރިއެވެ. ތަކެތީގެ އަގު ބޮޑުވުމާއި އެކު، ކަރަންޓު ބިލްތައް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ޕާކިސްތާން ރައްޔިތުން ދަނީ ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މިއީީ ސަރުކާރުގެ މާލީ ބަޖެޓު ފެއިލްވެފައިވާ ދަނޑިވަޅެއް ކަމަށެވެ.