ސްރީލަންކާގައި ކެމިކަލް އުފުލާ ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

ލަންކާގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ ރޯވެފައިވަނީ ސިންގަޕޫރުގެ ކެނިކަލް އުފުލާ ބޯޓެއްގައި ކަމަށެވެ. ބޯޓުގައި ރޯވިއިރު، އޭގައި 25 ޓަނުގެ ނައިޓްރިކް އެސިޑްގެ އިތުރުން އެހެން ކެމިކަލްތައް ހުރި ކަމަށެވެ.

އެބޯޓަކީ އިންޑިއާގެ ގުޖުރާތުން ލަންކާގެ ކޮލަމްބޯއަށް ދަތުރު ކުރަމުން ދިޔަ ބޯޓެކެވެ. އަދި މި ބޯޓުގައި ރޯވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ބޯޓުގައި ރޯވިއިރު، 1500 ކޮންޓެއިނަރުގެ ތެރެއިން 8 ވަރަކަށް ކޮންޓެއިނަރު ކަނޑަށް ވެއްޓުނު ކަމަށާއި އެތަކެތި ލައްގަމުން އަންނަނީ ނިގަމްބޯގެ ދޮނޑުދޮށަށް ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ބޯޓުގައި ރޯވުމާއި ގުޅިގެން ލަންކާގެ ވައިގެ ސިފައިން ހެލޮކަޕްޓަރުގައި 425 ކިލޯގްރާމްގެ ކެމިކަލް ނިއްވުމަށް ބޭނުން ކުރާ ތަކެތި ބޯޓު މައްޗަށް ވައްޓާފައިވާ ކަމަށާއި އެހެން ނަމަވެސް އެއްކޮށް އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި ވަގުތުގަައި ބޯޓުގައި 25 މީހުން ތިބި ކަމަށާއި އަނިޔާވެފައިވަނީ އެންމެ މީހަކަށް ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އޭނާއަށް މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ސީރިއަސް އަނިޔާތަކެއް ވެފައެއް ނުވެއެވެ.

ލަންކާ ސަރުކާރުން ވަނީ ކަނޑަށް އެޅިފައިވާ ކެމިކަލް އަދި ތެލުގެ އަސަރު ކުރާނެ ކަމަށް ބުނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައް ވެސް މިވަގުތު އިދާރާތަކުން އަންނަނީ ބަލަމުންނެވެ.

ބޯޓު ރޯވުމާއި ގުޅިގެން ދުމުގެ އަސަރު ނެގަމްބޯގެ ބައެއް ސަރަހައްދުތަކަށް ކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ ބޯޓުގެ ބައެއް ބައިބައި ގޮނޑުދޮށަށް ލައްގަމުން އަންނަ ކަމަށެވެ.

މި ހާދިސާ އެގައުމުގައި ހިނގާފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އެގައުމުގެ ތެޔޮ ޓޭންކަރެއްގައި ރޯވެ ކްރޫއަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމާވެށި

    ރާއްޖޭގެ ތިމާވެއްޓަށް ތިކަމުންކޮއްފާނެ ނޭނދެވޭ އަސަރެއްބަލަންޖެހޭ

    3
    1